ޚަބަރު

ޕީއެސްޖީން 14 ވަނަ ފަހަރަށް ފްރެންޗް ސުޕާ ކަޕް ކާމިޔާބުކޮށްފި


ދުނިޔޭގެ އެންމެ ވަރުގަދަ، އެންމެ މޮޅު ކުލަބުގެ ގޮތުގައި މިވަގުތު އޮތް ޔޫރަޕާއި ފްރާންސްގެ ގަދަބާރު ޕީއެސްޖީން، މާސޭ ބަލިކޮށް ފްރެންޗް ސުޕާ ކަޕް ކާމިޔާބުކޮށްފިއެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުނީ ކުވެއިތުގެ ޖާބިރު އަލް އަހުމަދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ޕީއެސްޖީންނެވެ. މި ލަނޑު، މެޗުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންމެފަހުގެ ބެލަންޑޯ އެވޯޑާއި ފީފާ ދަ ބެސްޓް އެވޯޑު ހާސިލްކުރި އުސްމާން ޑެމްބެލޭއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޕީއެސްޖީން ފުރަތަމަ ހާފު ނިންމާލިއިރު މާސޭއިން މެޗުގައި ފުރަތަމަ ފަހަރަށް ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައި، މެޗުގެ 76 ވަނަ މިނެޓުގައެވެ. މިއީ ލިބުނު ޕެނަލްޓީއަކުން މޭސަން ގްރީންވުޑް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ހަމަހަމަ ނަތީޖާއެއްގައި ދެ ޓީމުން ކުޅެމުންދަނިކޮށް، މެޗުގެ ފުރިހަމަވަގުތު ހަމަވާން ތިން މިނެޓަށްވެފައި ވަނިކޮށް މާސޭއަށް ލަނޑެއް ކާމިޔާބުކުރެވި، ލީޑުނެގުނެވެ. މިއީ ޕީއެސްޖީގެ ވިލިއަން ޕަޗޯ އަތުން ބައިކޮޅަށް ވަން ލަނޑަކުން މާސޭއަށް ކާމިޔާބުކުރެވުނު ލަނޑެކެވެ.

މޮޅުވުމުގެ ބޮޑު އުއްމީދެއް އޮވެ ކުޅެމުންދިޔަ މާސޭ މާޔޫސްކޮށްލީ، ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި، ގޮންޒާލޯ ރާމޯސް ޖެހި ލަނޑާއެކު ނަތީޖާ ހަމަހަމަ ވުމުންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީ ޖަހަންދިޔަ ޕީއެސްޖީގެ ހުރިހާ ކުޅުންތެރިން ވެސް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. އެއީ ވިޓީނިއާ، ރާމޯސް، ނޫނޯ މެންޑޭޒް އަދި ޑެޒެއާ ޑޫއޭ އެވެ. މާސޭއިން ޕެނަލްޓީ ޖަހަންދިޔަ ތިން ކުޅުންތެރިންގެ ތެރެއިން މެޓް އޯ'ރައިލީ އާއި ހާމެދު ޓްރައޯރޭ ޖެހި ޕެނަލްޓީތައް، ޕީއެސްޖީގެ ކީޕަރު ލޫކަސް ޗެވަލިއޭ ވަނީ މަތަކޮށްފައެވެ. އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ ހަމައެކަނި އާމިރު މުރީލޯއެވެ.

މި މޮޅާއެކު ޕީއެސްޖީން ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ފްރެންޗް ސުޕާކަޕް ކާމިޔާބުކުރިއިރު މިއީ އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ޖުމްލަ 14 ވަނަ ފަހަރެވެ. ޕީއެސްޖީއަކީ އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކުރި ޓީމުވެސް މެއެވެ.