ޚަބަރު

ނިމުނު ހަފުތާ: އަހަރުފެށީ ބޮޑެތި މަޝްރޫއުތަކާއި، މުހިންމު ނިންމުންތަކާއެކު


  • ކުދި ވިޔަފާރިތަކުގެ ކުރިއެރުމުން މުހިންމު ދެ މާލީ ލުޔެއް ވަނީ ދީފައި

  • އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް ޤާނުނު ވަނީ ތަސްދީޤުކޮށްފަ

ވޭތުވެދިޔަ ހަފުތާގައި އެކި ދާއިރާތަކުން ތަފާތު މުހިންމު ގިނަ ކަންތައްތަކެއް ހިންގާފައިވެއެވެ. އަދި ބައެއް މުހިންމު ނިންމުންތައް ވަނީ އާއްމުކޮށްފައެވެ.

(8 ޖެނުއަރީ) އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިވަނީ ތަސްދީޤުކުރައްވާފައެވެ. މީގެތެރޭގައި ނުހިމެނޭ 4 ދާއިރާއެއް ކަނޑައަޅާފައިވެއެވެ.

(7 ޖެނުއަރީ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްކަމަށް، ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރެއްވާވަނީ މިމަހުގެ 7ވަނަ ދުވަހުއެވެ. އެޗްއާރްސީއެމްގައި 5 މެންބަރުން ތިއްބަވައެވެ.

(9 ޖެނުއަރީ) ޕީއެންސީގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސްވަނީ ސަރުކާރުގެ ބައެއް ކާމިޔާބީތައް ޙިއްސާކުރައްވާފައެވެ. އެގޮތުން، ޤާނޫނާއި ޚިލާފަށް، މާލެ ސިޓީގައި ހިންގަމުންދިޔަ 104 މަސާޖް ޕާލާ ބަންދުކޮށް، ނޮވެމްބަރުމަހުގެ 17 ފެށިގެން މިއަދާހަމައަށް ބަޔޯމެޓްރިކްސް ނުދީ އުޅެމުންދިޔަ 922 ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށްފައިވާކަމަށް ހާމަކުރެއްވިއެވެ. މީގެއިތުރުން ކައުންސިލްތަކަކީ ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރަންތިބި ބައެއްކަން ކަށަވަރުކުރުމަށް ސަރުގެ ވިސްނުން ޙިއްސާކުރެއްވިއެވެ.

އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތައް:

އިންތިޚާބަށް ތައްޔާރުވުމުގެ މުހިންމު މަސައްކަތްތަކެއްވެސް ވޭތުވެދިޔަ ހަފްތާގައި ފާހަގަކޮށްލެވެއެވެ.

(3 ޖަނަވަރީ) ސިޔާސީ ޕާޓީތަކުގައި މެންބަރު ތިބި އަދަދު ހާމަކޮށްފަވާއިރު 74،048 މެންބަރުންނާއެކު އެންމެ ގިނަ މެންބަރުން ތިބީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕީއެންސީގައެވެ. 45،784 މެންބަރުންނާއެކު ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބީ އެމްޑީޕީގައެވެ.

(4 ޖަނަވަރީ) އިންތިޚާބަށް ވަމުންދާ ތައްޔާރީތަކުގެތެރެއިން، އިންތިޚާބުގެ ސެކިއުރިޓި ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ތެރެއިން އިސްކޮށް މަސައްކަތްކުރެއްވުމަށް ކޮމާންޑަރުން މިވަނީ ކަނޑައަޅުއްވާފައެވެ. 4 ކޮމާންޑަރުން ވަނީ ކަނޑައަޅުއްވާފައެވެ.

(6 ޖަނަވަރީ) އިންތިޚާބުގެ ތައްޔާރީތަކުގެ ތެރެއިން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ކެނޑިޑޭޓުން ފޯމު ހުށަހެޅުމަށް "މައި ޕޯޓަލް"ގެ ތެރެއިން އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އިންތިޚާބަށް ކުރިމަތިލާން ހުށައަޅާ ލިޔެކިޔުންތަކުގެ މަސައްކަތް މިހާރު ކުރެވޭނޭއެވެ. ނަމަވެސް އަދި އިންތިޚާބަށް ކުރިމަތިލުމަށް އީސީއިން ހުޅުވައެއް ނުލައެވެ.

(7 ޖަނަވަރީ) އަންނަ އޭޕްރިލް މަހު ބާއްވަން ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަަކޮށްފައެވެ. އަދި މި އިންތިޚާބުގައި 621 ވޯޓު ފޮށި ބަހައްޓަން އެކޮމިޝަނުން ނިންމާފައެވެ.

ވިޔަފާރިއާއި އިޤްތިޞާދީ ތަރައްޤީގެ ދާއިރާ:

(4 ޖަނަވަރީ 5 މިލިއަން ރުފިޔާއާއި ހަމައަށް މާލީ އެހީތެރިކަން ލިބޭގޮތަށް "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ" ނަމުގައި އެސްއެމްއީ ޑިޖިޓަލްއިން އައު ފައިނޭންސިންގ ސްކީމެއް ވަނީ ތައާރަފްކޮށްފިއެވެ. 12 މަސް ދުވަހުގެ ގްރޭސް ޕީރިއަށެއް ހިމެނޭއިރު، ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

(5 ޖަނަވަރީ) ގެސްޓްހައުސްތަކުގެ މެންބަޝިޕް ފީވެސް ކުޑަކޮށްފަވަނީ ވޭތުވެދިޔަ ހަފްތާގައެވެ. ކުރިން މެންބަރަކަށްވުމަށް 1000 ޑޮލަރު ދައްކަން ޖެހުނުނަމަވެސް، މި ގެނައި ބަދަލުގައި 25 ކޮޓަރި އަށްވުރެ ކުޑަނަމަ 350 ޑޮލަރު އަދި 25 ކޮޓަރި އަށްވުރެ ގިނަނަމަ 750 ޑޮލަރު ދައްކަންޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

(3 ޖަނަވަރީ) ހާމަކޮށްފަވާ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބަށް ބަލާއިރު މިދިޔަ އަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިކަން ވަނީ ހާމަކޮށްފައެވެ. މިއީ ރެކޯޑް އަދަދެކެވެ. އެންމެ ގިނަ ފަތުވެރިން އައީ ޗައިނާ، ރަޝިޔާ އަދި އިނގިރޭސިވިލާތުންނެވެ.

އިތުރު ޚަބަރުތަކަށް ބަލާއިރު ޖަނަވަރީ 3ގައި ވަނީ މޯލްޑިވިއަންގެ ދަތުތައް އަލުން ބަންގްލަދޭޝްއަށް ފަށާފައެވެ.

އެހެނިހެން ދާއިރާތަކުގެ މުހިންމު ޚަބަރުތައް:

(6 ޖަނަވަރީ) މި 5 އަހަރުގެ ތެރޭގައި ރާއްޖޭގައި ޙާފިޒުންގެ ޢަދަދު 500އަށް އިތުރުކުރުމުގެ ޤައުމީ މަސައްކަތަށްވެސް ބޮޑު ކުރިއެރުމެއް މިވަނީ ލިބިފައެވެ. އެގޮތުން ރަމަޟާން މަހުގެ ކުރިން މި ޢަދަދު 300 އަށް އަރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ. (7 ޖެނުއަރީ) ސިއްޙީ ދާއިރާއިން ރާއްޖެއިން ހޯދި ކުރިއެރުންތަކުގެތެރެއިން، ދަރުމަވަންތައިގައި ޤާއިމުކޮށްފަވާ ފަރޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ދަރިއަކު އުފަންވެފައިވާ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއިން ވަނީ ހާމަކޮށްފައެވެ.

(8 ޖަނަވަރީ) ދުންފަތުގެ ބާވަތްތަކުގައި ޞިއްޙަތުގެ އިންޒާރު ޖެހުމުގެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން، މިއަހަރުގެ ޖުލައި 28އިން ފެށިގެން ދުންފަތުގެ އެކި ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ، ޞިއްޙަތުގެ އިންޒާރު ޖަހައިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިވަނީ ކަނޑައަޅާފައެވެ.

(8 ޖަނަވަރީ)ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙަސަން ޝަފީޢު އިންތިޚާބުކުރައްވާއިރު، ޖުޑިޝަލް ސަރވިސްގެ ޤާނޫނުގެ ދަށުން މިއަހަރު ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހައިކޯޓުން ކަނޑައާޅާ ފަނޑިޔާރަކަށް އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު މިވަނީ ހަމަޖައްސަވާފައެވެ.

(7 ޖަނަވަރީ)ސިވިލް ސާވިސް ކޮމިޝަނުގެ އުސޫލަށް ގެނައި އިސްލާހުގައި، އައު ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލުގެ ތެރެއިން މަޤާމުގެ ކުރިއެރުން ހައްޤުވާ ތާރީޚުން ފެށިގެން މުސާރައިގެ ކުރިއެރުން ލިބޭ ގޮތަށް އެ ކޮމިޝަނުން މިވަނީ ބަދަލު ގެންނަވާފައެވެ.

ބައެއް އިތުރު ޚަބަރުތައް:

(4 ޖަނަވަރީ) ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެ ކުށް ކުރާ ފަރާތްތަކަށް އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލު ހުކުމެއް އަންނަ ގޮތަށް ޤާނޫނުލްޢުޤޫބާތަށް އިސްލާހެއް ހުށަހަޅައިފިއެވެ.

(5 ޖަނަވަރީ) ޒަކާތު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމާއި އެސްޓީއޯއިން އެތެރެކުރާ ބޭހުގެ ބާވަތްތަކުގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވި ޚަބަރުވެސް ފާހަގަކޮށްލެވެއެވެ.

( 6 ޖަނަވަރީ) މިދިޔަ ހަފްތާގައި ވަނީ 14 ރަށެއްގައި 14 މަޝްރޫޢުއެއް ހިންގަން އެމްޓީސީސީއާވެސް ހަވާލުކޮށްފައެވެ. އަދި އުތުރުގެ ތަރައްޤީގެ މަސައްކަތްތަކުގެތެރެއިން ދިއްދޫ އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިވަނީ ފަށާފައެވެ. ދިއްދުއިން 115 ހެކްޓަރުގެ ބިން ހިއްކާއިރު، މި މަސައްކަތުގައި ބޭނުންކުރަނީ ދުނިޔޭގައިވެސް މިފަދަ މަސައްކަތްތަކަށް ބޭނުންކުރާ އެންމެ ބޮޑު އެއް ޑްރެޖަރެވެ.

(6 ޖަނަވަރީ) ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ފީފާއިން ފޮނުވި 1.2 މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލާގައި އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވެ، އޭނާ އިތުރު 23 އަހަރަށް ޖަލަށް ލުމާއެކު 44 މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމްކޮށްފައިވަނީވެސް މިދިޔަ ހަފްތާގައެވެ.

7ވަނަ ދުވަހުން ފާހަގަކުރެވުނު ޚަބަރުތަކުގެތެރޭގައި ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައިވާ ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ފަޒީންގެ މައްޗަށް ދައުވާ ކޮށްފަވާ ޚަބަރުވެސް ފާހަގަކުރެވެއެވެ.