ސޫރިޔާގެ ޙަލަބުގައި އެ ޤައުމުގެ ސަރުކާރުގެ ފައުޖުތަކާއި ކުރުދީ ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށްޓަކައި ޙަލަބުގެ ތިން އަވަށެއްގައި ޙަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ ކަމަށް ސޫރިޔާގެ ދިފާޢީ ވުޒާރާއިން އިޢުލާނުކޮށްފިއެވެ.
ސަރުކާރުގެ ސިފައިންނާއި ކުރުދީ ހަނގުރާމަވެރިންނާ ދެމެދު ޖަނަވަރީ މަހުގެ 6ވަނަ ދުވަހު ބަދަލުކުރަން ފެށި ޙަމަލާތަކުގެ ސަބަބުން ސޫރިޔާގެ 140،000އަށް ވުރެ ގިނަ ރައްޔިތުން ވަނީ ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ގޮސްފައެވެ. އެ ޙަމަލާތަކުގައި ޢާންމުންގެ ހަތް މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.
ދެ ފަރާތުގެ ދެމެދުގައި ވަރުގަދަ ޙަމަލާތައް ބަދަލުކުރަމުންދާތާ ތިން ދުވަސްވެފައި ވަނިކޮށް ސޫރިޔާގެ ދިފާޢީ ވުޒާރާއިން ވަނީ ކުރުދީންގެ ހަތިޔާރުއެޅި ހަނގުރާމަވެރިން ކުރިމަތިލުންތައް ހިންގަމުންދިޔަ ތިން ސަރަޙައްދެއް ދޫކޮށް ދިޔުމަށް ހަ ގަޑިއިރުގެ މުހުލަތެއް ދީފައެވެ. އެއީ ޙަލަބުގެ ޝައިޚް މަޤްޞޫދުއާއި އަޝްރަފިއްޔާއާއި ބަނީ ޒައިދު އަވަށުގައެވެ. އެ ތިން ސަރަޙައްދުގައި ސޫރިޔާ ގަޑިން ދަންވަރު ތިނަކުން ފެށިގެން ހެނދުނު ހަޔަކަށް އަސްކަރިއްޔާއިން ޙަމަލާ ނުދޭނެ ކަމަށް ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ސޫރިޔާގެ މައި ސަރުކާރުގައި ބައިވެރިވުމަށް ދެކޮޅު ހަދަމުންދާ ކުރުދީންގެ ސަބަބުން 14 އަހަރުގެ ދާޚިލީ ހަނގުރާމައަކަށް ފަހު ޤައުމު އަލުން އެއްގަލަކަށް އަރުވައި އެކަތިގަނޑަކަށް ހެދުމަށް ސޫރިޔާގެ ރައީސް އަޙްމަދު އަލްޝަރާޢު ކުރަމުންދާ މަސައްކަތަށް ވަނީ ހިޔަނިއެޅިފައެވެ.