ގައުމީ ފުޓްސަލް ޓީމުން ޗައިނާގެ ގައުމީ ޓީމާއެކު ކުޅުނު އެކުވެރިކަމުގެ މެޗުތަކަށްފަހު ކުޅުންތެރިން ކުރި ހިތްވަރަށް ބަލާއިރު ޓީމު އޮތީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 އަށް ރަނގަޅަށް ތައްޔާރުވެފަ ކަމަށް ޤައުމީ ފުޓްސަލް ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިޔާޒް ބުނެފިއެވެ.
ޗައިނާގައި ހުރެގެން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ނިޔާޒް ބުނީ ކޭމްޕުގެ ސަަބުބުން ކުޅުންތެރިން ކުރިއެރުންތައް ލިބިއްޖެ ކަމަށެވެ.
ޢަދި ޗައިނާގައި މި ލިބުނު 10 ދުވަހުގެ ތެރޭގައި ޓްރޭނިންތައް ކުރިޔަށް ގެންދިޔައީ ފުދޭވަރަކަށް ބެލެންސްކޮށް ކަމަށާއި ދެއިރު ޕްރެކްޓިިސް ކުރަމުން ގެންދިޔަ ކަމަށްވެސް ނިޔާޒް ބުންޏެވެ.
”ޗައިނާގެ ނެޝަަނަލް ޓީމާއެކު ތިން މެޗު ކުޅެފައިމިވަނީ. ދެން ތިން މެޗުގެ ރިޒަލްޓާއި ޕްލޭޔަރުންގެ އެފަޓަށް ބަލައިފިއްޔާމު މިވަގުތު އަޅުގަނޑޫ ގަބޫލުކުރަނީ ޓީމު އޮތީ ރަނގަޅަށް ތައްޔާރުވެވިފަ ކަމަށް“ ނިޔާޒް ބުންޏެވެ.
އެފްއޭއެމުން ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ފިރިހެން ފުޓްސަލް ޓީމު ތައްޔާރުކުރަމުން އަންނައިރު ޓީމުގެ ކުޅުންތެރިން ވަނީ ވަރަށް ރަނގަޅަށް މުބާރާތައް ތައްޔާރުވެފައެވެ.
މި ސަރަހައްދުގެ މުބާރާތްތަކަށް އެންމެ ފަރިތަ އަދި ފުޓްސަލްގައި އެންމެ ތަޖުރިބާކާރު އެއް ކޯޗު ކަމަށްވާ އުޒްބަކިސްތާނުގެ ފާރޫކް ޒަކިރޯވްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ތައިލޭންޑުގައި އޮންނަ މުބާރާތަށް ނިކުންނާނީ ހުރިހާ މެޗެއް ކާމިޔާބުކޮށް ސާފް ފުޓްސަލް ޓޯނަމަންޓްގެ ފުރަތަމަ ތަށި ރާއްޖެއަށް ގެނެސްދިނުމުގެ ވަރުގަދަ އަޒުމުގައެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 އަށް ތައްޔާރުވާން ގައުމީ ޓީމަށް ލިބުނު ވަގުތަށް ބަލާއިރު މިހާރު ރަނގަޅަށް ޓީމު ތައްޔާރު ކުރެވިފައިވާކަމަށް ނިޔާޒް ފާހަގަ ކޮށްފައިވާއިރު މާލޭގައިވެސް ފަރިތަކުރުންތައް ގެންދިޔައީ އިންޑޯއަށް ވިސްނައިގެންނެވެ.
ތައިލޭންޑްގެ ޗޮންބުރީގައި މުބާރާތް ކުޅެން ޖެހެނީ އިންޑޯގައި ކަމަށްވާއިރު ޗައިނާގައި އިންޑޯގައި ފަރިތަކުރުމުގެ ފުރުސަތު ލިބި ޗައިނާގެ ގައުމީ ޓީމާއެކު ކުޅުމުގެ ފުރުސަތު ލިބުމަކީ ކުޅުންތެރިންގެ ކުރިއެރުމަށް މުހިންމު ފުރުސަތެއް ކަމަށް އެސިސްޓެންޓް ކޯޗު ފާހަގަކުރިއެވެ.
”ކޮންމެ ގޮތެއްވިޔަސް ފުޓްސަލް މުބާރާތް މި ކުޅެވެނީ އިންޑޯގައި. އެހެންކަމުން މި ލިބުނު މުއްދަތަށް ބަލާފަ ކުޅުންތެރިންގެ އިމްޕޫވްމެންޓް ވަރަށް ބޮޑުތަނުން ކުރިއަރައިގެން ގޮސްފައިވާކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ“ ނިޔާޒް ބުންޏެވެ.
ޗައިނާ ކޭމްޕަށް ފުރުމުގެ ކުރިން މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ގައުމީ ޓީމު ޕްރެކްޓިސް ފެށައިގެން، ގާތްގަނޑަކަށް މަހެއްހާ ދުވަހު ވަނީ ފަރިތަކުރުންތައް ބާއްވާފައެވެ.
ހުޅުމާލޭ ރެހެންދި ޓާފްގައި ކުރިޔަށްދިޔަ ފަރިތަކުރުންތަކުގައި ޓީމުގެ ހެޑްކޯޗުކަމާއި އުޒްބަކިސްތާނުގެ ކޯޗު ހަވާލުވަންދެން ޓީމު ލީޑު ކުރަމުން ގެންދިޔައީ އެސިސްޓެންޓް ކޯޗު ނިޔާޒެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ނިކުންނަނީ 14 ޖެނުއަރީގައި ޕާކިސްތާނާއި ދެކޮޅަށެވެ.