ޚަބަރު

"ކައުންސިލްތަކުގެ ޒިންމާއަކީ ޚިދުމަތްކުރުން، ޖަވާބުދާރީކުރުވުމެއް ނޫން"


  • ސަރުކާރު ޖަވާބުދާރީކުރަން ކައުންސިލަށް މެމްބަރުން ހޮވުމަކީ ގޯހެއްކަމަށް ވިދާޅުވި

  • ކައުންސިލްތަކަކީ ވެރިކަން ހިންގުމުގެ ނިޒާމުގެ ފަށަލައެއްކަމަށް ވިދާޅުވި

ލޯކަލް ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އިންތިޚާބުކުރާ ބައެއް ނޫންކަމަށާއި، އެއީ ރައްޔިތުންނަށް ބޭނުންވާ ވަރަށް މުހިއްމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އިންތިިޚާބުކުރާ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރުގެ ތަރައްޤީގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ ކެނޑިޑޭޓުން އިންތިޙާބުކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވީ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބަކީ ވަރަށް މުހިއްމު އިންތިޚާބެއްކަމަށެވެ. އެގޮތުން ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވައުދެއް ފުއްދެވުމަށް ރަށު ފެންވަރުގައި އަދި ސިޓީ ފެންވަރުގައިވެސް އެއްްބާރުުލުން ދޭނެ ކެނޑިޑޭޓުން އިންތިޚާބުކުރުން މުހިއްމުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2026 ވަނަ އަހަރަކީ އުމްރާނީ ތަރައްޤީގެ ރޮނގުން ވަރަށް މުހިއްމު އަހަރެއްކަމަށާއި، ބޯހިޔާވަހިކަމާއި ސިއްހަތާއި ތައުލީމާއި އިޤްތިޞާދީ ރޮނގުންވެސް މުހިއްމު މަސައްްކަތްތަކެއް ކުރިއަށްގެންދާނެކަމަށެވެ. އެހެންކަމުން ތަރައްޤީގެ މަސައްކަތުގައި ރައްޔިތުންގެ މަންދޫބުންގެ ފަރާތުން އެއްބާރުލުން ލިބެންޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ރައްޔިތުންނަށް ވީ ހުރިހާ ވަޢުދެއް ފުއްދުމަށް އެކަމުގައި ލޯކަލް ލެވެލްގައި ރަށު ފެންވަރުގައި ސިޓީ ފެންވަރުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ބޭފުޅުން ހޮއްވައިވައިދެއްވާށޭ. ދިވެހި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން، އަދި ޔަޤީންވެސްކުރަން ރާއްޖޭގެ އެކި ކަންކޮޅުތަކުން އަޅުގަނޑުވީ ވައުދު ފުއްދުމުގައި ހިތާއީ ރޫހުން އެއްބާރުލުން ދެއްވާނެ ކެނޑިޑޭޓުން ހޮއްވައިދެއްވާނެކަމާމެދު" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލޯކަލް ކައުންސިލްތަކަކީ ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ޤާނޫނީގޮތުން ހަވާލުކުރެވިފައިވާ މަންދޫބުންކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިޚާބުކުރަނީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނިޔަތުގައިކަމަށްވާނަމަ، އެއީ އެންމެ ރަނގަޅު ވިސްނުން ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮންނަ މުއައްސަސާތަކެއް ނޫން ޤާނޫނީގޮތުން. ސަރުކާރު ޖަވާބުދާރީކުރުވުމަށް ކައުންސިލަށް މީހުން ހޮވަން ކެމްޕޭންކުރާކަމަށްވާނަމަ އެއީ ފުރަތަމަވެސް ނުވައި ސިގްނަލެއް. ރައްޔިތުން ވިސްނަންޖެހޭ ސިގްނަލެއް އެއީ. ޤާނޫނުގައި އޮވޭ ވަރަށް ސާފުކޮށް ބަޔާންކޮށްފައި ސަރުކާރު ޖަވާބުދާރީކުރާނީ ކޮންބައެއްކަން. ކައުންސިލަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ސަރުކާރުން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ކުރެއްވި މަސައްކަތާއި ހާސިލުކޮށްފައިވާ ކާމިޔާބީއަށްވެސް އަލިއަޅުއްވާލައްވާފައެވެ. އަދި މަޖިލިސް ހުޅުވުމުގެ ގޮތުން އިއްވަވާ ރިޔާސީ ބަޔާނުގައި އެކަންކަމާއި ގުޅޭ ތަފްސީލްތަކާއި ކުރިއަށް ރޭވިފައިހުރި މުހިއްމު ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.