ޚަބަރު

ޗައިނާ ކޭމްޕަށްފަހު އަމާޒަކީ ސާފް ފުޓްސަލް ތަށި: ކެޕްޓަން އިމްރާން


  • އެންމެ ބޮޑު ފައިދާ އަކީ އިންޑޯއެއްގައި ދެ އިރު ޕްރެކްޓިސްކޮށްލަން ލިބުން

  • ޗައިނާގެ ގައުމީ ޓީމާއެކު ވާދަވެރި ތިން މެޗު ކުޅެލަން ޓީމަށް ލިބުމަކީވެސް ފައިދާއެއް

އުންމީދަކީ ސާފްގެ ފުރަތަމަ ފުޓްސަލް ޓޯނަމަންޓުގެ ތަށި ރާއްޖެއަށް ގެނެސްދިނުން ކަމަށާއި، މުޅި ޓީމުވެސް މަސައްކަތް ކުރަމުން ދަނީ އެ އަމާޒަށް ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ބުނެފިއެވެ.

ގައުމީ ފުޓްސަލް ޓީމުން ޗައިނާގައި ކުރިޔަށްގެންދާ ކޭމްޕުގެތެރެއިން ޗައިނާގެ ގައުމީ ޓީމާއެކު ކުޅުނު އެކުވެރިކަމުގެ މެޗުތަކަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އިމްރާން ބުނީ ޗައިނާގައި މި ކޭމްގެ ސަބަބުން މުޅި ޓީމަށްވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ ކަމަށެވެ. އަދި މިއީ ގައުމީ ޓީމަށް ލިބުނު ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.

”މީގަ އެންމެ ބޮޑު އެޑްވާންޓޭޖަކީ އިންޑޯއެއްގައި ދެ އިރު ޕްރެކްޓިސްކޮށްލަން ލިބުން. އޭގެ އިތުރުން ޗައިނާގެ ގައުމީ ޓީމާއެކު ވާދަވެރި ތިން މެޗު ކުޅެލަން ޓީމަށް ލިބުން. އެހެންވީމަ ވަރަށް ބޮޑު ކުރިއެރުންތަކެއް ޓީމަށް ލިބިފައި މިއޮތީ“ އިމްރާން ބުންޏެވެ.

ތައިލޭންޑްގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 އަށް ޓީމު ތައްޔާރުވުމުގައި އެފްއޭއެމުން ލިބޭ ސަޕޯޓުވެސް އޭނާ ފާހަގަކުރިއެވެ.

ފުޓްސަލް ޓީމަށް އެހެން އަހަރުތަކާއި ހިލާފަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަރަށް ބޮޑު ސަޕޯޓެއް ލިބެމުން އަންނަ ކަމަށްވެސް އިމްރާން ފާހަގަކުރިއެވެ.

އޭނާ ބުނީ އޭގެ އެންމެ ބޮޑު އެއް ހެއްކަކީ ރާއްޖޭން ބޭރުގެ ފެންވަރު ރަނގަޅު ކޯޗަކާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ޓީމަށް ހޯދައިދިނުން ކަމަށެވެ.

”އޭގެ އިތުރުން 10 ދުވަހުގެ ޗައިނާ ކޭމްޕެއް މުބާރާތުގެ ކުރިން ހަމަޖައްސަދީފައި މިއޮތީ ދެން މި ކޭމްޕު ނިންމާގޮތަށް ޑައިރެކްޓްކޮށް މުބާރަތަށް މިދަނީ އެހެންވީމަ މީގެން ހަމަ ވަރަށް ބައިވަރު ފައިދާތަކެއް އެފްއޭއެމްގެ ސަޕޯޓާއެއްކޮށް ކުރަމުން މިދަނީ ޓީމަށް“ އިމްރާން ބުންޏެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ގައުމީ ފުޓްސަލް ޓީމު ތައްޔާރުކޮށްދީފައިވަނީ އުޒްބެކިސްތާނުގެތަޖުރިބާކާރު ކޯޗު ފާރޫކް ޒަކިރޯވްއެވެ.

އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ތައިލޭންޑްގައި އޮންނަ މި މުބާރާތަށް ދާއިރު ރާއްޖެއިން އެންމެ ފުރަތަމަ ނިކުންނާނީ މިމަހުގެ 14 ގައި ޕާކިސްތާނާއި ދެކޮޅަށެވެ.

ޤައުމީ ޓީމުގެ ފައިނަލް ސްކޮޑުގައި ހިމެނެނީ ކީޕަރުންގެ ގޮތުގައި އިބްރާޙީމް ނާޖިހުއާއި ޒައިދާން އަހްމަދުއެވެ. އައުޓްފީލްޑް ޕްލެޔަރުންގެ ގޮތުގައި ފައިނަލް ލިސްޓުގައި ހިމެނޭ ކުޅުންތެރިންނަކީ އަލީ ޝިޔާޙް (ޝިޔަޅޭ)، އަޙްމަދު ހަމީދު (އައްމަޑޭ)، އިޝާން އިބްރާޙީމް (ސައްޓު)، ހުސެއިން ޝަރީފް (އޮންލީ)، މުޙައްމަދު އިމްރާން (އިންމި)، އަބްދުﷲ ޝާފިއު (ޝާއްޕެ)، ޙުސެއިން ސުހައިލް (ސޮކޭ)، ހުޒެއިފަތު ރަޝީދު (ހުޒޭ)، އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ)، އަބްދުﷲ ޖުނައިދު (ޖޭންނޭ)، އަލީ ހައިޝަމް (ޗުމްޕު) އަދި އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ.

ގައުމީ ފުޓްސަލް ޓީމުގެ އެސިސްޓެންޓް ކޯޗަކީ އަހުމަދު ނިޔާޒް (ނިޔާ) އެވެ. ޓީމުގެ މެނޭޖަރަކީ މުހައްމަދު އުމެއިރެވެ.

އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ނޮންތަބުރި ސްޓޭޑިއަމްގައެވެ.

މުބާރާތުގައި ޖުމްލަ 7 ޓީމު ވާދަކުރެއެވެ. އެއީ ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ބޫޓާން، ނޭޕާލް އަދި ޕާކިސްތާނެވެ.