ޚަބަރު

ބަދަލުގެ ގޮތުގައި ޔުނައިޓެޑުން އަމޯރިމްއަށް 10 މިލިއަން ޕައުންޑު


މެންޗަސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން މިދިޔަ ހޯމަ ދުވަހު ވަކިކުރި ރުބެން އަމޯރިމްއަށް ބަދަލުގެ ގޮތުގައި 10.05 މިލިއަން ޕައުންޑު ދޭން ޖެހިއްޖެއެވެ،

ޔުނައިޓެޑުން އަމޯރިމްއަށް މިވަރުގެ ބޮޑު އަދަދެއް ދޭން ޖެހުނީ، އޭނާއާއެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން އުވާލައި، މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ޔުނައިޓެޑާއި އަމޯރިމްއާ ދެމެދު އެއްބަސްވުން ހަދާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. ތިން އަހަރު ދުވަހުގެ މުއްދަތަކަށް ހެދި މި އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2027 ގެ ނިޔަލަށެވެ.

މި ކޮންޓްރެކްޓުގެ ދަށުން މިހާތަނަށް ޔުނައިޓެޑުން ވަނީ އަމޮރިމްއަށް 7.8 މިލިއަން ޕައުންޑު ދީފައެވެ. އަދި ޔުނައިޓެޑަށް އަމޯރިމް ގެނައުމަށްޓަކައި އޭނާ ކުރިން ކޯޗުކަން ކޮށްދިން ސްޕޯޓިންއަށް 9.5 މިލިއަން ޕައުންޑު ދީފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. އެހެންކަމުން އަހަރަކާއި ދެ މަސް ދުވަސްވި މި ކޮންޓްރެކްޓާއެކު ޔުނައިޓެޑުން ކުރި ހޭދަ 27 މިލިއަން ޕައުންޑަށް އަރައެވެ.

އެއްބަސްވުން ހަމަވުމުގެ މާ ކުރިން ކޯޗުކަމުގެ މަގާމުން އަމޯރިމް ވަކިކުރުމަށްފަހު ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ، މިއީ ކްލަބުން މިހާރު ހޯދަމުންދާ ނަތީޖާތަކަށް ބަލާފައި ކްލަބްގެ ބޯޑުން ނިންމި ނިންމުމެއް ކަމަށާއި މިއީ މެންޗެސްޓަރ ޔުނައިޓެޑްއަށް މިސީޒަންގައި ކުރިއަށް ދިއުމަށް އެންމެ ރަނގަޅު ފުރުސަތެއް ހޯދައިދިނުމުގެ ބޭނުމުގައި ކްލަބުން އެޅި ފިޔަވަޅެއް ކަމަށެވެ.

މީގެއިތުރުން މެންޗެސްޓަރ ޔުނައިޓެޑުން ބުނެފައިވަނީ މި ނިންމުމަކީ މިސީޒަންގެ ޕްރިމިއަރ ލީގުގައި ކްލަބަށް އެންމެ ރަނގަޅު ހިސާބަކަށް އެރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.

އަމޯރިމް ވަކިކުރުމާ ގުޅިގެން ވަގުތީގޮތުން ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޑެރެން ފްލެޗަރ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި، ރެލިގޭޝަން ޒޯނުގައި އޮތް ބާންލީ އަތުން ވެސް ޔުނައިޓެޑަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ލީގު ތާވަލުގައި ޔުނައިޓެޑް މިހާރު އޮތީ ކުޅުނު 21 މެޗުން 32 ޕޮއިންޓާއެކު ހަތްވަނައިގައެވެ. ހަވަނައިގައި އޮތް ނިއުކާސަލް އަށް ވެސް 21 މެޗުން 32 ޕޮއިންޓު ލިބިފައިވާއިރު ނިއުކާސަލްއަށް ކުރިލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލްއާއި ޔުނައިޓެޑާ ދެމެދު 16 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.