ޚަބަރު

ވަރުގަދަ ތިމަރަފުއްޓާއި ކިނބިދޫއަށް މުހިންމު މޮޅެއް


ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަބާރެއްގެ ގޮތުގައި ބެލެވޭ ތ. ތިމަރަފުށިން އެ އަތޮޅުގެ ގުރޫޕުގައި ރޭ ވަންދޫ ބަލިކުރިއިރު، ކިނބިދޫއިން ފަހަތުން އަރައި ގާދިއްފުށީގެ މައްޗަށް ކުރިހޯދައިފިއެވެ.ތިމަރަފުށިން ވަންދޫގެ މައްޗަށް ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ތިމަރަފުށީގެ ތަރިންގެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުގެ ތިން ލަނޑުގެ ތެރެއިން ދެލަނޑު ކާމިޔާބުކޮށްދިނީ އިސްމާޢީލް މުނީޒެވެ. އެ ޓީމުގެ އަނެއް ލަނޑަކީ ވަންދޫގެ ހުސެއިން އަފީފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއް ވެސް ތިމަރަފުށިން ޖަހާފައި ވަނީ ފުރަތަމަ ހާފުގައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ތިމަރަފުށީގެ މުނީޒެވެ.

މުބާރާތުގައި ރޭ ކިނބިދޫއިން ވެސް ވަނީ ވަރުގަދަ ފައިޓެއްދީ، ފަހަތުން އަރައި ގާދިއްފުށީގެ މައްޗަށް 2-3 އިން ކުރިހޯދާފައެވެ.

މި މެޗުގައި މުޙަންމަދު އައިހަމްގެ ލަނޑުން ގާދިއްފުށިން ލީޑުނެގިއިރު، ހާފު ނިމެންދަނިކޮށް ކިނބިދޫއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޝާފިއުއެވެ. އެހެންނަމަވެސް އެ ލަނޑުގެ އުފާ ކިނބިދޫ ޓީމުން ފާޅުކުރަމުން ދަނިކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގާދިއްފުށީ ޓީމުން ވަނީ އިތުރު ލަނޑެއް ޖަހައި އަލުން ލީޑުނަގާފައެވެ.

މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސާހިލްއެވެ. މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފުގައި ކިނބިދޫއިން ވަނީ ކުޅުން ރަނގަޅުކޮށް ފަހަތުން އަރައި ދެލަނޑު ޖަހާފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ސަމީހުއާއި މުޙައްމަދު ސަޚާއު (ބޭލް) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް ބޭލް އެވެ.

މުބާރާތުގެ ތ. އަތޮޅު ގުރޫޕުގެ ރޭ ހިރިލަންދޫއާއި އޮމަދޫގެ ކުރިމަތިލުން 1-1 އިން އެއްވަރުވިއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިރިލަންދޫގެ ލަނޑު ޖަހައިދިން މުޙަންމަދު މިންވާލެވެ. މި ގުރޫޕުގައި ބުރުންޏާއި ވިލުފުށީގެ ކުރިމަތިލުން ވެސް ނިމުނީ އެއްވަރުވަގެންނެވެ. 2-2 އިން އެއްވަރުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބުރުނީގެ މަޙްމޫދު ސަލީމްއެވެ.

މުބާރާތުގައި ރޭ ދެން ކުޅުނީ ހދ. ގެ މެޗުތަކެވެ. ރޭގެ މެޗުތަކުގައި ނޭކުރެންދޫއިން 1-4 ގެ ނަތީޖާއަކުން މަކުނުދޫގެ މައްޗަށް ކުރިހޯދިއިރު ކުމުންދޫއިން ވަނީ ނެއްލައިދޫގެ މައްޗަށް 0-2 އިން ކުރިހޯދާފައެވެ. ނޮޅިވަރަންފަރުން ހަނިމާދޫގެ މައްޗަށް 0-2 އިން ކުރިހޯދިއިރު ފިނޭއިން ވަނީ ވައިކަރަދޫގެ މައްޗަށް 1-6 ގެ ފަރަގުބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ. އެ މެޗުގައި ފިނޭގެ އަލީ މިސްބާޙް، އަޒްވާން ޠާހާ އަދި އަލީ ނާއިފް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ.

އިއްޔެ ހަވީރު ކުޅުނީ ހއ. އަތޮޅުގެ މެޗުތަކެވެ. ހަވީރު ކުޅުނު މެޗުތަކުގައި ވެސް ވާދަވެރި ކުޅުމެއް ޓީމުތަކުގެ ފަރާތުން ފެނިގެންދިޔައިރު، ފުރަތަމަ މެޗުގައި ހޯރަފުއްޓާއި ކެލާގެ ކުރިމަތިލުން ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގައުމީ ސީނިއަރ ފުޓުބޯޅަ ސްކޮޑަށް ވެސް މީގެކުރިން ނަގާފައިވާ އަބްދުﷲ ޔާމީން (ޔާނު) އެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.

މީގެއިތުރުން، ފިއްލަދޫއިން 1-2 އިން ތުރާކުނުގެ މައްޗަށް ކުރިހޯދާފައިވާއިރު ވަށަފަރުން ވަނީ އުތީމު، 0-4 އިން ބަލިކޮށްފައެވެ. އިއްޔެ ހަވީރުގެ ފަހު މެޗެއްގެ ގޮތުގައި ދިއްދޫއާއި މުރައިދޫ ބައްދަލުކުރިއިރު މުރައިދޫއިން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި މިއަދު ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. މިއަދު ހަވީރު ފ. އަތޮޅާއި މ. އަތޮޅުގެ މެޗުތައް ކުޅޭއިރު މިރޭ ކުޅޭނީ ށ. އަތޮޅާއި އައްޑޫ އަތޮޅުގެ އިތުރުން ގދ. އަތޮޅުގެ މެޗުތަކެވެ.