ޚަބަރު

ޔޫކްރެއިނަށް ރައްކާތެރިކަން ދިނުމުގައި އެމެރިކާއިން ބައިވެރިވާނެކަމުގެ ޔަޤީންކަން ދީފި


ރަޝިޔާ އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް އައުމަށްފަހު، މުސްތަޤުބަލުގައި ޔޫކްރެއިންގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވިލާތުގެ ބޮޑެތި ބައެއް ޤައުމުތަކާ ބައިވެރިވާނެކަމުގެ ޔަޤީންކަން އެމެރިކާއިން ދީފިއެވެ.

ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު 2022ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ސުލްޙައިގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ސުލްޙަ ޤާއިމުކުރެވުމަށްފަހު، އަލުން ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާދިނުން ހުއްޓުވައި، ސަލާމަތީ ގޮތުން ޔޫކްރެއިނަށް އެހީވުމަށް ވިލާތުގެ ބޮޑެތި ޤައުމުތަކުން އިސްނަގައިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެކުރިން ބޭއްވި ބައްދަލުވުންތަކާ ޚިލާފަށް، ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވި ބައްދަލުވުމުގައި އެމެރިކާގެ އިސް މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިފުޅު އަދި ޚާއްޞަ މަންދޫބު ޖެރެޑް ކުޝްނަރ އާއި ސްތީވް ވިޓްކޯފް ހިމެނިވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމަށްފަހު، ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތް އަދި ޔޫކްރެއިނާއެކު ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޓްކޯފް ވިދާޅުވީ، ރަޝިޔާއިން އަލުން ޔޫކްރެއިނަށް ޙަމަލާ ނުދެވޭނެ ގޮތަށް ޔޫކްރެއިންގެ ސަލާމަތީ ކަންކަން ރޭވުމުގައި ބައިވެރިވުމަށް ޓްރަމްޕް ނިންމަވާފައިވާ ކަމަށެވެ.

ކުޝްނަރ ވެސް ވިދާޅުވީ، ރަޝިޔާ އާއެކު ސުލްޙަ ޤާއިމުކުރެވުމަށްފަހު، މި ޙާލަތު ތަކުރާރުނުވާނެކަމުގެ ޔަޤީންކަން ޔޫކްރެއިނަށް ބޭނުންވާނެކަމަށް އެމެރިކާއިން ޤަބޫލުކުރާ ކަމަށެވެ.

މި ބައްދަލުވުމުގައި ސުލްޙައިގެ އެއްބަސްވުން ދަމަހައްޓައި، އެ އެއްބަސްވުމަށް ދެ ފަރާތުން ވެސް އިޙްތިރާމްކުރާކަން ޔަޤީންކުރެވޭނެ ނިޒާމެއް ވެސް އެކުލަވައިލުމަށް ވަނީ އެއްބަސްވެފައެވެ.

އެއްބަސްވުން ދެމެހެއްޓުމަށްޓަކައި އެމެރިކާ ސިފައިން ޤާއިމުވެ ތިބުމުގެ ބަދަލުގައި، ސެޓެލައިޓާއި ޑްރޯން ފަދަ އާލަތްތައް ބޭނުންކުރަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުންޏެވެ.

ހަނގުރާމަ ނިމުމަކަށް ގެނެސް، ސުލްޙަ ޤައިމުކުރުމުގެ މަޝްވަރާތަކަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.

މިގޮތުން، އެމެރިކާގެ އިސް މަންދޫބުންނާއެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމުގެ އޮނިގަނޑެއް ޔޫކްރެއިނުން މިހާރު ވަނީ ހުށަހަޅައިފައެވެ.

ނަމަވެސް، އެ އޮނިގަނޑަށް އެއްބަސްވާކަމެއް ނުވަތަ ނޫން ކަމެއްވެސް ރަޝިޔާއިން އަދި ރަސްމީކޮށް ބުނެފައެއް ނުވެއެވެ.