ޚަބަރު

ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް ފަޒީންގެ މައްޗަށް ދައުވާކޮށްފި


  • އޭނާއަށް ދައުވާކުރަން ނިންމައި އެ މައްސަލަ ހުށަހަޅާފައިވަނީ އާދީއްތަ ދުވަހު

  • ފަޒީންގެ މައްޗަށް ކޮށްފައިވަނީ ޖިންސީ ގޯނާ ކުރުމުގެ ދައުވާ

ޖިންސީ ފުރައްސާރައިގެ ތުހުމަތު ކޮށްފައިވާ ބްރޯޑްކޮމްގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ފަޒީންގެ މައްޗަށް ދައުވާ ކޮށްފިއެވެ.

މިމައްސަލައާއި ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ފަޒީންގެ މައްޗަށް ދައުވާ ކުރަން ހުށަހަޅާފައިވަނީ އާދީއްތަ ދުވަހު ކަމަށެވެ.

ފަޒީންގެ މައްޗަށް ކުރަނީ ދެ ދަޢުވާއެއް ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ފަޒީންގެ މައްޗަށް ކުރާ ދެ ދައުވާއަކީ،

* ޤާނޫނުލް އުޤޫބާތުގެ 120 ވަނަ މާއްދާގެ ދަށުން ގައިގައި އަތްލުމުގެ ކުށުގެ ދައުވާ
* ޖިންސީ ކުށުގެ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ

ބްރޯޑްކޮމްގެ މެންބަރުކަމުން ފަޒީން އިސްތިއުފާ ދެއްވީ، މިދިޔަ އަހަރު މާރިޗު މަހުގެ 15 ވަނަ ދުވަހުއެވެ. އޭނާ އެމަޤާމުން އިސްތިއުފާ ދެއްވީ، އޭނާ އެމަޤާމުން ވަކިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މައްސަލައެއް ބަލައި އޭނާ މަޤާމުން ވަކިކުރުމަށް ނިންމާފައިވަނިކޮށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޓީން ބަލަމުން ދިޔައީ އޭނާއާއި ގުޅުންހުރި ޖިންސީ ފުރައްސާރައާއި ގުޅޭ މައްސަލައެކެވެ.