ވެނެޒުއެލާގެ ވަގުތީ ރައީސްގެ މަޤާމަށް އެ ޤައުމުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޑެލްސީ ރޮޑްރިގެޒް ޙަވާލުވެވަޑައިގަތުމާ ގުޅިގެން ރަޝިޔާއިން އެ ކަމަށް މަރުޙަބާ ކިޔައިފިއެވެ.
މި ހަފްތާގެ ތެރޭގައި އެމެރިކާއިން ވަނީ ވެނެޒުއެލާއަށް ޙަމަލާ ދީ، އެ ޤައުުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންގޮސްފައެވެ. އެމެރިކާއިން ވަނީ ޑްރަގް ވިޔަފާރު ކުރުމާއި ނިރުބަވެރި ކަމަށް ހިތްވަރު ދިނުމަށް ޑްރަގް ވިޔަފާރި ބޭނުންކުރުން ހިމެނޭ ގޮތަށް ހަތަރު ދައުވާއެއް މަދޫރޯއާ ދެކޮޅަށް އުފުލައިފައެވެ. ނަމަވެސް އެ ދައުވާތަކަށް މަދޫރޯ އިންކާރުކުރައްވައެވެ.
ރަޝިޔާއިން ނެރުނު ބަޔާނެއްގައި ބުނީ މި ޙާލަތުގައި ވެނެޒުއެލާގެ ހަމަޖެހުން ދަމަހައްޓައި، އެ ޤައުމަށް ހަތިޔާރު އެޅި ބަޔަކު ދީފައިވާ ޙަމަލާތަކާއި ބިރުދައްކައިގެން ވަކި ކަމެއް ޙާޞިލްކުރުމަށް ކުރަމުންދާ މަސައްކަތާ ދެކޮޅަށް، ވަގުތީ ރައީސަކު ޢައްޔަނުކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. ރަޝިޔާއިން ބުނީ އިތުރު ފަރާތެއްގެ ފަނާކުރަނިވި ނުފޫޒެއް ނެތި ޤައުމުގެ މުސްތަޤުބަލާ މެދު ގޮތެއް ނިންމުމުގެ ފުރުޞަތު ވެނެޒުއެލާގެ ރައްޔިތުންނަށް ލިބިދޭން ޖެހޭ ކަމަށެވެ. ރަޝިޔާއިން އިތުރަށް ބުނީ އެ ޤައުމުން ވެނެޒުއެލާގެ ސަރުކާރާއި ރައްޔިތުންނާއެކު ދެމި އޮތް ކަމަށާއި، ވެނެޒުއެލާގެ އިސްތިގުލާލާއި ޤައުމީ މަސްލަހަތު ހިމާޔަތްކުރުމަށް އެ ޤައުމުން އަބަދު ވެސް އެހީތެރިވާނެ ކަމަށެވެ.
ރަޝިޔާއިން ނެރުނު ބަޔާނުގައި އެމެރިކާގެ ނަން ސީދާ ބަޔާންކޮށްފައެއް ނުވެއެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެެމެރިކާގެ ރައީސްކަމާ ޓްރަމްޕް ދެވަނަ ދައުރަކަށް ޙަވާލުވެވަޑައިގަތީއްްސުރެ ޓްރަމްޕްއަށް ފާޑު ނުކިޔުމަށް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ސަމާލުކަން ދެއްވާ ކަމަށް ވަނީ ފާހަގަވެފައެވެ. އެމެރިކާއާއެކު އޮންނަ ގުޅުން ވަރުގަދަކޮށް ދެ ޤައުމުގެ ދެމެދުގައި އޮންނަ ވިޔަފާރި ގުޅުން ކުރިއެރުވުމަށް ޕުޓިން ބޭނުންވެވަޑައިގަންނަވައެވެ. އެމެރިކާއިން މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔުމާ ގުޅޭ ގޮތުން ޕުޓިން މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
މަދޫރޯ ހައްޔަރުކޮށް ވެރިކަމުން ދުރުކުރުމުގެ ހާދިޘާއަކީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހުގެ ތެރޭގައި ރަޝިޔާއާ ގާތް ގުޅުމެއް އޮންނަ ޤައުމެއްގެ ސަރުކާރު ވައްޓާލާފައިވާ ދެވަނަ ފަހަރެވެ. ރަޝިޔާއިން ވާގިވެރިވަމުންދިޔަ ސޫރިޔާގެ ކުރީގެ ރަޢީސް ބައްޝާރު އަލްއަސަދުގެ ވެރިކަން ވެސް 2024ވަނަ އަހަރުގެ ފަހުކޮޅު ވަނީ ކުއްލި ގޮތަކަށް ނިމުމަކަށް އައިސްފައެވެ.