އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ތަރި މާރިއޯ ބަލަޓޮލީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ.
ބަލަޓޮލީ ވަނީ އޭނާ އައު އަހަރު ފާހަގަކުރި ރާއްޖޭގައި ކަން ހާމަކޮށް ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ހިއްސާކޮށްފައެވެ. ބަލަޓޮލީ ޗުއްޓީ ހޭދަކުރީ ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައެވެ.
ދިވެހިންގެ މެދުގައިވެސް ވަރަށް މަގްބޫލު ފުޓްބޯޅަ ތަރިއެއް ކަމަށްވާ ބަލަޓޮލީގެ މި ދަތުރުގައި އެ ރިސޯޓުގައި ދިވެހިންނާއެކު ބޯޅަ ކުޅުމާއި ފުޓްބޯޅައާއި ގުޅޭ ހަރަކާތްތަކުގައި އޭނާ ބައިވެރިވި ފޮޓޯތައް އިންސްޓަރގްރާމްގައި ހިއްސާކޮށް އޭނާ ބުނެފައިވަނީ ”އައު އަހަރު ސުވަރުގޭގައި“ކަމަށެވެ.
އޭނާ ވަނީ އެ ރިސޯޓަށް ޒިޔާރަތް ކުރި އެކި ގައުމުތަކުގެ ކުޑަކުދިންނާއެކުވެސް ވަގުތުތަކެއް ހޭދަކޮށްފައެވެ. ބަލަޓޮލީ އަކީ 2005 ވަނަ އަހަރުން ރަސްމީކޮށް ފުޓްބޯޅަ ކުޅެންފެށި ބަލަޓޮލީ ވަނީ އިޓަލީގެ އިންޓަރ މިލާނާއި އޭސީ މިލާނަށް ކުޅެފައެވެ.
މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި ހިމެނޭ މެންޗެސްޓަރ ސިޓީއާއި އިނގިރޭސި ޗެމްޕިއަން ލިވަޕޫލަށްވެސް ބަލަޓޮލީ ކުޅެފައިވެއެވެ.
2014 ވަނަ އަހަރު ބްރެޒިލުގައި ބޭއްވި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އިޓަލީގެ ގައުމީ ޓީމަށްވެސް ބަލަޓޮލީ ކުޅެފައިވެއެވެ. އޭނާއަކީ މި ޖީލު ދުން ސްޓްރައިކަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ މޮޅު ސްޓްރައިކަރެކެވެ.
އައު އަހަރު ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް މަންޒިލަކީ ރާއްޖެއެވެ. ޗުއްޓީ ހޭދަކުރުމަށް މިދިޔަ އަހަރުވެސް ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.
އޭގެ ތެރޭގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާއި އުރުގުއޭއީގެ ތަރި ލުއިސް ސުއަރޭޒާއި މެންޗެސްޓަރ ސިޓީގެ ގޯލުކޯޕަރު އެޑަސަން އާއި ލިވަޕޫލުގެ ޖޯއީ ގޮމޭޒް ފަދަ ތަރިން ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.
ސްޕޯޓްސް ޓޫރިޒަމަކީ ސަރުކާރުން ވަަރަށް ބޮޑު އިސްކަމެއްދޭ އެއް ކޮންޕޯނެންޓް ކަމަށާވާއިރު ރާއްޖެއިން އަންނަނީ އިނގިރޭސި ޗެމްޕިއަން ލިވަޕޫލާއެކު ޑެސްޓިނޭޝަން ޕާޓްނަރޝިޕް އެގްރީމެންޓެއް ހަދާ އެ ކުލަބާއެކު ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.