މި މަހު ފަހުކޮޅު މޮރޮކޯގައި ފަށާ އިންޓަނޭޝަނަލް ބޮޑީބޯޑިން ކޮމިޓީ (އައިބީސީ) ގެ ވޯލްޑް ޓުއަރގެ ފުރަތަމަ އިވެންޓަށްދާ ރާއްޖޭގެ ޤައުމީ ބޮޑީބޯޑިން ޓީމު އޮތީ، މި މުބާރާތުން ރަނގަޅު ކާމިޔާބީތަކެއް ހޯދައިދީ، ޤައުމު ފަޚުރުވެރިކޮށްދިނުމުގެ އަޒުމުގައިކަމަށް ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ބުނެފިއެވެ.
މިއީ ޓީމެއްގެ ގޮތުގައި، ޤައުމީ ބޮޑީބޯޑިން ޓީމުން ރާއްޖެއިން ބޭރުގައި ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިއީ މީގެ ފަސް ވަރަކަށް އަހަރުކުރިން ފެށިގެން އެޅި ބިންގަލާއެކު ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއްގެ ގޮތުގައި ގައުމީ ޓީމުގެ އެތުލީޓުންނާއި ވެރިން ފާހަގަކުރެއެވެ.
މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ، މޮރޮކޯގައި އޮތް މުބާރާތަކީ ރާއްޖޭގެ ބޮޑީބޯޑިންގައި ފާހަގަކޮށްލެވޭ މައިލްސްޓޯނަކަށް ވާނެ ކަމަށެވެ. އަދި މިކަން ހާސިލްވެގެން މިދިޔައީ އެމްބީބީއޭގެ ސްޕޮންސަރުންގެ ފަރާތުން ލިބިގެންދިޔަ ވަރަށް ބޮޑު ސަޕޯޓަކާއެކުގައި ކަންއޭނާ ފާހަގަކުރެއްވިއެވެ.
''2020 ވަނަ އަހަރު އެމްބީބީއޭއަށް ޤައުމީ ޓީމެއް ނަގަން ފުރުސަތު ލިބުނު މިނިސްޓްރީ އޮފް ސްޕޯޓްސްގެ ދަށުން. އެގޮތުން ކޮންމެ އަހަރަކު ޓީމެއް ރަޖިސްޓްރީވެގެން އަލަށް، ރާއްޖެ ރިޕްރެޒެންޓުކުރަން ޓީމެއްގެ ގޮތުގައި ބޮޑީބޯޑިން ޓީމު ރާއްޖެއިން ބޭރަށް މި ފުރަނީ. މި އަހަރުގެ އައިބީސީ ވޯލްޑް ޓުއަރގެ ފުރަތަމަ އިވެންޓް، ފުރަތަމަ ލެގު މިއޮތީ މޮރޮކޯގަ. 2026 ވަނަ އަހަރު މި ނަގާލި ޓީމުގެ ތެރެއިން އަޅުގަނޑުމެންނަށް ލިބުނު ސްޕޮންސަރސްގެ ހެޔޮއެދުންތަކާ އެކީގައި މި ލިބުނު ސްލޮޓަށް ޓީމެއް ނަގައިގެން މިދަނީ" ޙަސަން ރަޝީދު ވިދާޅުވިއެވެ.
ބީބީއޭއެމް އިން މި މުބާރާތަށް ނެގި ސްކޮޑުގައި ހިމެނެނީ ގައުމީ ބޮޑީބޯޑިން ޓީމުގައި ހިމެނޭ އަލީ ހުޝްރުވާން (ކުޑަ އައްޔަ)، އާމިން އުމަރު މޫސާ، މުހައްމަދު ކައިފް އަދި އަޝްރަފް ހަސަންގެ އިތުރުން އެންމެ ފަހުގެ ބޮޑީބޯޑިން ލީގުގެ ޖޫނިއާ ލީގު ޗެމްޕިއަން، އިޔަން އަހުމަދުއެވެ. އިޔަން އަކީ މި މުބާރާތުގައި ރާއްޖެއިން ވާދަކުރާ ޓީމުގައި ހިމެނޭ ޖޫނިއަރ ޓީމުގެ ހަމައެކަނި އެތުލީޓެވެ.
މީގެތެރެއިން ހުޝްރުވާން، އާމިން، ކައިފް އަދި އަޝްރަފް ވާދަކުރާނީ ޕްރައިމް ސީރީޒް އިވެންޓުގައެވެ. އިޔަން ވާދަކުރާނީ ޖޫނިއާ މެންސް ރައިސިން ސީރީސްގައެވެ.
މި މުބާރާތަށް ކުރެވޭ އުއްމީދުތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް" އިން ކުރި ސުވާލަށް ޖަވާބުދެމުން ހުޝްރުވާން ބުނީ، މި އިވެންޓަކީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ ރާޅާއެޅުންތެރިން ވެސް ބައިވެރިވާނެ އިވެންޓަކަށްވީނަމަވެސް، އިންޑިވިޖުއަލީ ވެސް އަދި ޓީމަށްވެސް ރަން ވަނައެއް ހޯދައިދެވޭނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ. އެހެންނަމަވެސް ގޮންޖެހުންތަކެއް ހުރިކަން ފާޙަގަކޮށް، އެ ގޮންޖެހުންތަކަށް ތައްޔާރުވާން ވަގުތު ލިބުން އެއީ ލިބުނު ތަސައްލީއެއްކަން ހުޝްރުވާން ފާޙަގަކުރިއެވެ.
"ރަންވަނައެއް ހޯދަން މަސައްކަތްކުރާނީ. ޓީމަށް ވެސް ހަމަ އެވަރަށް މަސައްކަތްކޮށްގެން އެވަރުގެ އެޗީވްމަންޓެއް ހޯދައިދޭން މަސައްކަތްކުރުން އެއީ އަޒުމަކީ. ރާއްޖެއާ އަޅާ ކިޔާއިރު ވަރަށް ބޮޑު ތަފާތުތަކެއް އެބަހުރި މާހައުލުގައި. ވެޓްސޫޓް ލާންޖެހޭ. އައްޔަ (ހުޝްރުވާން) މެންނަކީ ދުވަހަކު ވެސް ވެޓްސޫޓް ލީ ބައެއް ނޫން ރާއްޖޭގައި. އެތަންކޮޅު އަންނާނެ ތަފާތަކަށް. ދެން ކުރީބައިގައި ދެވޭތީ ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ކުޑަކޮށް ޕްރެކްޓިސްކޮށްލާ މާހައުލަށް ހޭނެން ފުރުސަތު ލިބޭނެ. ވަރަށް ބޮޑަށް ހީވޭހަމަ ރަނގަޅު އެޗީވްމަންޓެއް ލިބޭނެހެން މި މުބާރާތުން". ހުޝްރުވާން ބުންޏެވެ.
އިޔަން އަކީ މީގެކުރިން ދެ ފަހަރެއްގެ މަތިން ޕޯޗުގަލްގައި މިފަދަ އިވެންޓުތަކުގައި ބައިވެރިވެފައިވާ އެތުލީޓެކެވެ. އެހެންކަމުން އެ ތަޖުރިބާއަކީ، މޮރޮކޯ މުބާރާތަށް ދާއިރު ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެކަން މި ބައްދަލުވުމުގައި ވާހަކަދައްކަމުން އިޔާން ފާހަގަކޮށްފައިވެއެވެ.
މޮރޮކޯގައި މި މަހުގެ 31 އިން އަންނަ މަހުގެ 12 ވަނަ ދުވަހަށް ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ޓީމުން ބައިވެރިވާއިރު، ރާއްޖޭގެ އެތުލީޓުންނަށް ޓީމެއްގެ ގޮތުގައި ގޮސް ބައިނަލްއަގުވާމީ ރަނގަޅު ލެވަލްއެއްގެ މުބާރާތެއްގައި ވާދަކުރަން ލިބުމަކީ، މީގެ ކުރިން ރޭންކިންގައި ހޯދާފައިވާ ކާމިޔާބީތަކަށް ވުރެން ރަނގަޅު ވަނައެއް ހޯދަން އުންމީދުތައް ކުރެވޭ ކަމެއް ކަމަށް އެމްބީބީއޭގެ ޖެނެރަލް ސެކްރެޓަރީ ހަސަން ރަޝީދު (ރަޝް) ބުންޏެވެ.