ޚަބަރު

ޔޫކްރެއިން ރައީސްގެ އިޤްތިޞާދީ އެޑްވައިޒަރަކަށް ކެނެޑާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު


ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީގެ އިޤްތިޞާދާއި ތަރައްޤީގެ އެޑްވައިޒަރުކަމަށް ކެނެޑާގެ ކުރީގެ ބޮޑުވަޒީރުގެ ނައިބު ކްރިސްޓިޔާ ފްރީލަންޑް ޢައްޔަނުކުރައްވައިފިއެވެ.

ކެނެޑާގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމު، 2019 އިން 2024 އަށް އަދާކުރެއްވި ފްރީލަންޑަކީ، ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރެއިނަށް ބައިނަލްއަޤުވާމީ އެހީ ފޯރުކޮށްދިނުމަށް ވަރަށް އިސްކޮށް ވަކާލާތުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ކެނެޑާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަމުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިސްތިޢުފާ ދެއްވާނެކަން، އޭނާ ވަނީ އިޢުލާނުކުރައްވައިފައެވެ.

އޭގެއިތުރުން، ކެނެޑާއިން ޔޫކްރެއިނަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބުކަމުން ވެސް އިސްތިޢުފާ ދެއްވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޒެލެންސްކީގެ އެޑްވައިޒަރުގެ މަޤާމުގައި އެއްވެސް އުޖޫރައެއް ލިބިވަޑައިނުގަންނަވާނެ ކަން ފްރީލަންޑް ހާމަކުރެއްވިއެވެ.

ދުނިޔޭގައި ޑިމޮކްރަސީ ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ އިސް ސަފުގައި ޔޫކްރެއިން އޮތްއިރު، އެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމަކީ، އުފަލެއްގެ ގޮތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ސިފަކުރެއްވިއެވެ.

ފްރީލަންޑް ޤާނޫނު ހަދާ މަޖިލީހުގައި ފުރުއްވާ ގޮނޑިން އިސްތިޢުފާ ދެއްވުމުން، އެ ގޮނޑިއަށް އައު މެމްބަރަކު އިންތިޚާބު ކުރުމަށް ބައި-އިލެކްޝަނެއް ބާއްވަންޖެހޭނެއެވެ.