ގްރީންލޭންޑަކީ ޑެންމާކުގެ ރަށެއް ކަމަަށާއި، އެ ރަށް ހިމާޔަތްކުރުމާ ގުޅޭގޮތުން ވާހަކަދައްކަން ޖެހިއްޖެ ޙާލަތެއްގައި ހުޅަނގުގެ ދިފާޢީ އިއްތިޙާދު، ނޭޓޯއިން އެ ކަން މަޝްވަރާކުރާނެ ކަމަށް ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު، ޔޮހަން ވަޑެފުލް ވިދާޅުވެއްޖެއެވެ.
2019ވަނަ އަހަރުން ފެށިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކި ފަހަރު މަތިން ވަނީ ގްރީންލޭންޑް އިސްތިޢުމާރުކޮށް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ބޭނުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެމެރިކާއަށް ގްރީންލޭންޑު މުހިންމު ވަނީ ދިފާޢީ ބޭނުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ގްރީންލޭންޑުގެ ހިމާޔަތުގައި ނޭޓޯއިން މަސައްކަތްކުރާނެ ކަމަށް ވަޑެފުލް ވިދާޅުވެފައި މި ވަނީ އެ ވާހަކަތައް ޓްރަމްޕް އަނެއްކާ ވެސް ތަކުރާރުކުރެއްވުމާ ގުޅިގެންނެވެ. ޓްރަމްޕް އެ ފަދަ މޭރުމަކުން ވާހަކަދައްކަވާފައި ވަނީ ފާއިތުވި ހަފްތާގެ ތެރޭގައި އެމެރިކާއިން ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯގެ ދެކަނބަލުން ހައްޔަރުކޮށް ޤައުމުން ބޭރަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެ ޤައުމުގެ ހިންގުމާ އެމެރިކާއިން ޙަވާލުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ވަޑެފުލް ވިދާޅުވީ މަދޫރޯ ހައްޔަރުކޮށްގެން ގެންދިޔުމާ ގުޅޭގޮތުން ޖަރުމަނުވިލާތުގެ ގިނަ ސުވާލުތަކެއް ހުރި ކަމަށެވެ. އަދި ވެނެޒުއެލާގެ ކުރިމަގާ މެދު ގޮތެއް ނިންމަން ޖެހޭނީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއް މެދުވެރިކޮށް އެ ޤައުމުގެ ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ.
ގްރީންލޭންޑާ ގުޅޭގޮތުން ވަޑެފުލް ވިދާޅުވީ އެ ރަށަކީ ޑެންމާކުގެ ބައެއް ކަމަށާއި، ޑެންމާކަކީ ނޭޓޯގެ މެންބަރެއް ކަމަށް ވުމުން ގްރީންލޭންޑަށް ވެސް ނޭޓޯގެ ހިމާޔަތާއި ދިފާޢު ލިބިދޭ ކަމަށެވެ. އަދި ގްރީންލޭންޑު ދިފާޢުކުރުމާ ގުޅޭގޮތުން އިތުރު މަސައްކަތްތައް ކުރަންޖެހޭ ނަމަ އެ ކަމާ ގުޅޭ ގޮތުން ނޭޓޯގެ މެދުގައި މަޝްވަރާކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.