ހިޔުންޑައި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅުނު ފުރަތަމަ މެޗުތަކުން ދެއްވަދޫ އާއި މަތިވެރި މޮޅުވެ ފެށުން ރަނގަޅުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގއ. އަތޮޅުގެ ގްރޫޕް ބީގައި ދެއްވަދޫ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ވިލިނގިއްޔާއެވެ. މިފަހަރުގެ މުބާރާތައް ޓީމު އިތުރަށް ވަރުގަދަކޮށް ރާއްޖޭގެ ފުޓްސަލްގައި ފާހަގަކުރެވޭ ގިނަ ކުޅުންތެރިންތަކެއް ދެއްވަދޫއަށް ބަދަލުކޮށް ޓީމުގައި ހިމަނައިގެން މިފަހަރުގެ މުބާރާތާ ކުރިމަތިލި ދެއްވަދޫ ޓީމުން ފުރަތަމަ މެޗު ކާމިޔާބުކުރީ 2-1 އިންނެވެ.
ދެއްވަދޫ ޓީމުގެ މުހިއްމު 3 ކުޅުންތެރިއެއް މިހާރުވެސް ހުރީ ޓީމާ ދުރުގައި ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު ތަމްސީލްކުރަން ޗައިނާގައެވެ. ދެއްވަދޫ އާއި ވިލިނގިލި ބައްދަލުކުރި މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑުނެގީވެސް ދެއްވަދޫއިންނެވެ. މިލަނޑު މެޗުގެ 2 ވަނަ މިނެޓުގައި ޖަހައިދިނީ ވިޝާޙް އަބުދުލް މަޖީދެވެ. ދެއްވަދޫގެ ދެވަނަ ލަނޑު ދެވަނަ ހާފްގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނަސޫޙް ސައީދެވެ.
މެޗުގައި ވިލިނގިލިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހުސެއިން މިފްރާޙް ވަހީދެވެ.
ގއ. އަތޮޅުގެ ގްރޫޕް އޭގައި މިރޭ ކުޅެވުނު މެޗުތަކަށް ބަލާލާއިރު ދާންދޫ އާއި ގެމަނަފުށި ބައްދަލުކުރި މެޗު ނިމުނީ 2-2 ދެޓީމު އެއްވަރުވެގެންނެވެ. މިމެޗުގައި ދާންޑުގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ޒިޔާދު އާއި އަރުޝަމް ސައީދެވެ. ގެމަނަފުށީގެ ދެލަނޑު ޖަހައިދިނީ އަލީ ޝާޒް ހަބީބް އާއި ހުސެއިން ތާއިމްއެވެ.
މިގްރޫޕްގައި ކަނޑުހުޅުދޫ އާއި ކޮލަމާފުށި ބައްދަލުކުރި މެޗު 7-0 ކާމިޔާބުކުރީ ކަނޑުހުޅުދޫއެވެ. މިމެޗުގައި ކަނޑުހުޅުދޫގެ އަހުނާފް ޒާހިރު ވަނީ 4 ލަނޑު ޖަހާފައެވެ. އަނެއް 3 ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ޖަވާދު އާއި ފަޒްލީން މުހައްމަދު އަދި އިސްމާއިލް އަންވަރެވެ.
ފ.އަތޮޅުން މިފަހަރުގެ މުބާރާތުގައި 5 ޓީމު ބައިވެރިވިއިރު އަތޮޅު ބުރުގައި ފާފް އަތޮޅު އޮތީ 1 ގްރޫޕެވެ. މިގޮތުން މި އަތޮޅުގައި ކުޅުނު ފުރަމަ މެޗުގައި ނިލަންދޫ ވަނީ ފީއަލި 5-1 އިން ބަލިކޮށްފައެވެ. މިމެޗުގައި ނިލަންދޫގެ ހުސެއިން ރާއިދު އާއި އިޔާޒް އަހުމަދު ވަނީ ކޮންމެ ކުޅުންތެރިއެއް ދެ ލަނޑު ޖަހާފައެވެ. ނިލަންދޫގެ އަނެއް ލަނޑު ޖަހައިދިނީ ޝަހުދާން އަބްދުލް ގަނީއެވެ.
ފ.އަތޮޅުގެ ފައިނަލްގައި މިދިޔަ އަހަރު ވާދަކުރި ބިލެއްދޫ އާއި ދަރަނބޫދޫ ބައްދަލުކުރި މެޗު ނިމުނީ 2-2 އަކުން ދެޓީމު އެއްވަރުވެގެންނެވެ. މިމެޗުގައި ބިލެއްދޫއިން ދެ ފަހަރު ލީޑް ނެގިއެވެ. ބިލެއްދޫގެ ދެލަނޑު ޖަހައިދިނީ ނަދީފް އިބްރާހިމް އާއި މުހައްމަދު ޒީދާންއެވެ. އަދި ދަރަނބޫދޫއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑުތައް ޖަހައިދިނީ ސާއިން އަލީ އާއި މުހައްލިމް އުމަރު (މަންނު) އެވެ.
މުބާރާތުގައި މިރޭ ކުޅެވުނު މ.އަތޮޅުގެ މެޗުތައް ކާމިޔާބުކުރީ މަޑުއްވަރީ އާއި ދިއްގަރެވެ. މ. އަތޮޅުންވެސް 5 ޓީމް ބައިވެރިވިއިރު ކޮންމެ ޓީމެއްވެސް ކޮންމެ ޓީމަކަށް ބައްދަލުކުރަން ޖެހޭނެވެ. ދިއްގަރު ފުރަތަމަ މެޗުގައި ބައްދަލުކުރީ މުލަކާއެވެ. މިމެޗުގައި 2-0 ދިއްގަރު ކާމިޔާބުކުރި އިރު އެޓީމް ދެ ލަނޑު ޖަހައިދިނީ އިސްމާއިލް ވާއިލް އާއި އައްމާރު ބިން އާސިފްއެވެ.
މ.އަތޮޅުގައި މަޑުއްވަރީ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ކޮޅުފުއްޓާއެވެ. މިމެޗު މަޑުއްވަރީ ކާމިޔާބުކުރީ 1-0 އަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު 16 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޮލާލް ނަސީރެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅުނު ޓީމުތަކުގެ ތެރެއިން މުބާރާތުގައި މީގެކުރިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވާ މަތިވެރި ވަނީ ކުޅުނު މެޗު މާބޮޑު އުނދަގުލަކާ ނުލާ ކާމިޔާބުކޮށްފައެވެ.
އއ.އަތޮޅުގައި ކުޅެވުނު ފުރަތަމަ މެޗުގައި މަތިވެރި ބައްދަލުކުރީ ހިމަންދޫ އާއެވެ. މިމެޗު 2-0 އަކުން މަތިވެރި ކާމިޔާބުކުރި އިރު މެޗުގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޝަފުރާޒް އާއި ހައިޝަމް އަލީއެވެ.