ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކުލަބުގެ އަބްދުﷲ ޔާމިން އެނބުރި އައި މެޗުން އެޓީމުން މުހިންމު މޮޅެއް ހޯދައިފިއެވެ. ޔާމިން ވަނީ ލިގުގެ ފުރަތަމަ ދެ މެޗު ކުޅުމަށް ފަހު ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުވަސްކޮޅަކަށް ދުރަށް ގޮސްފައެވެ. ކުލަބު ގްރީން ސްޓްރީޓްސް އަތުން ބުރު މޮޅުވީ 3-1 ލަނޑުންނެވެ.
މި ނަތީޖާ އެކު ބުރު ހަތަރުވަނައިގަ އޮތީ ކުޅުނު 13 މެޗުން ހޯދި 23 ޕޮއިންޓާއެކުއެވެ.
ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ގްރީންއަށް މާ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ. މި ހާފުގައި ބުރުން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ހަމަލާ ވަނީ އުފައްދާފައެވެ.
މެޗުގެ 29 ވަނަ މިނިޓުގައި ބުރުގެ އިބްރާހިމް އުސަމާ ހަސަން އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ދިއައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ބުރުގެ ފުރަތަމަ ލަނޑަކީ ގްރީންގެ ކީޕަރު އޯޖޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ކާމިޔާބު ކުރި ލަނޑެކެވެ. ކީޕަރު އޭރިއާ ބޭރުން ޖައްސާލި ބޯޅައެއް ބުރުގެ އަލީ ހަމްދާނަށް ލިބުމުން އޭނަ ޖައްސާލި ބޯޅަ އޭރިއާ ތެރޭގައި ހުރި ބިދޭސީ ފޯވާޑް ހުޑްސަން ޑިއާސް ވަނީ ގޯލަށް ވައްދާލާފައެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ 37 ވަނަ މިނިޓުގައެވެ.
ދެވަނަ ހާފުގެ ފުރަތަމަ މިނިޓުގައި ބުރުގެ މުހައްމަދު ނާއިމް އަށް އޭރިއާ ތެރެއިން ލިބުނު ބޯޅެއް ކީޕަރު ވަނީ ނުކުމެ ދިފާއުކޮއްފައެވެ. ބުރުން ލީޑު އިތުރަށް ފުޅާކޮއްދިން ލަނޑު ނާއިމް ޖެހީ 53 މިނިޓުގައި ގްރީންގެ ޑިފެންޑަރުންނަށް ސާފުނުކޮއްލެވުނު ބޯޅައެއް އޭރިއާތެރެއިން ގޯލަށް ވައްދައިލައިގެންނެވެ.
މެޗުގެ 60 ވަނަ މިނިޓުގައި ގްރީންގެ މުހައްމަދު ޖައިލަމް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ކީޕަރު ވަނީ މަތަކޮއްފައެވެ. ބުރުން ޖެހި ތިންވަނަ ލަނޑަކީ 84 ވަނަ މިނިޓުގައި ގްރީންގެ ޕެނެލްޓީ އޭރިއާ ތެރެއިން ޑިފެންޑަރ އަހުމަދު އައްސަދު ނާއިމް ފަހަތުން ކުރި ފައުލަކަށް ދިން ޕެނެލްޓީން ޔާމީން ކާމިޔާބުކޮއްދިން ލަނޑެކެވެ.
ގްރީން އިން ލަނޑުޖެހި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އިބްރާހިމް ނޫރުއްދީން ދިން ދިގު ބޯޅައެއްގައި މިސްރު ޑިފެންޑަރަ އެލް ސައީދު އޭރިއާތެރެއަށް ވަދެ ބޮލުން ގޯލަށް ވައްދައިލައިގެންނެވެ.
މި ދެޓީމު ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުން ބުރު މޮޅުވީ 2-1 ލަނޑުންނެވެ. މިއީ ލިގުގައި ބުރުން ހޯދި 7 ވަނަ މޮޅެވެ.