ސަރުކާރުން ގެނެސްފައިވާ އިޤްތިޞާދީ ބަދަލުތަކާއެކު ރާއްޖޭގައި އިންވެސްޓް ކުރުމަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާކމަށާއި، އިންވެސްޓްމަންޓްތަކަަށް ފުރުޞަތު ދޭނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށް މާލީ ކަންކަމާޢި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫ އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންދާ މަސައްކަތުގެ ފޮނިމީރުކަން މިހާރު ފެންނަން ފަށާފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގައި އިންވެސްޓުކުރަން އިންވެސްޓަރުން ޝައުޤުވެރިކަން އިތުރުވެފައިވާ ކަމަށެވެ. އެކަމުގެ މިސާލެއްގެ ގޮތުން ރާއްޖޭގެ ބިން ހިންކުމުގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުން ސަރުކާރާއި ހިސާބަށް އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދާދި ފަހުން މާލެ ވިޔަފާރި ބަނދަރު ބަޔަކަށް ދޭން އުޅޭ ކަމުގެ އަޑުތައް ފެތުރިގެން ގޮސްފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވަމުން ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެއްވެސް ނިންމެވުމެއް ރައްޔިތުންނަށް ފައިދާވާ ގޮތަށް މެނުވީ ނުނިންމަވާނެ ކަމަށެވެ. ވަޒީރު ވަނީ ވިޔަފާރި ބަނދުރު އަދި އެނޫންވެސް ތަނެއް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ދޮގުކުރައްވާފައެވެ.
"ޕޯޓަށްވެސް އިންވެސްޓް ކުރަން ބޭނުން. އެއަރޕޯޓަށްވެސް އިންވެސްޓް ކުރަން ބޭނުން. ކޮންމެ ޕްރޮޕޯސަލްއެއް ލިބިލެއްވިއަށް ރައީސުލްޖުމްހޫރިއްޔާ އެއެއް ބައްލަވާނެ. ޢިލްމީ ބޭފުޅެއްވީމަ ލިބިވަޑައިގަންނަވާ ޕްރޮޕޯސްލްތަކާއި ވަޒީރުން ވިދާޅުވާ ވާހަކަތަކަށް ވަރަށް ބޮޑަށް ބައްލަވާފައި ޑިސިޝަން ނަންގަވަނީ. މިއިން އެއްވެސް ވާހަކަ އަކީ ހަޤީޤަތެއް ހުރި ވާހަކައެއް ނޫން" މާލީ ވަޒީރު ވިދާޅުވިއެވެ.
މާލީ ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ކަންކަން ނިންމަވަނީ ރައްޔިތުންނަަށް އެންމެ ފައިދާވާނެ ގޮތެއް ބައްލަވާފައި ކަމަށް ވިދާޅުވިއެވެ. އެގޮތުން ތަރައްޤީގެ އެކި މަޝްރޫޢުތައްވެސް ކުރިއަށް ގެންދަވަނީ އެ މަގުން ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ހިންގާފައިވާ މަޝްރޫޢުތައް ހިންގާފއިވަނީ އެއްވެސް ރޭވުންތެރިކަމެއް ނުވަތަ އެތަންތަން ހިންގުމަށް އެއްވެސް ދެމެހެއްޓެނިވި ވިސްނުމެއް ނެތި ކަމަށެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ކަންކަން ކުރިއަށް ގެންދަވަނީ އެގޮތަށް ނޫން ކަމަށް ވިދާޅުވިއެވެ. އަދި މީގެ ކުރިން ކަންކަން އެގޮތަށް ގޮސްފައި ވަމަކީ މިހާރު އެގޮތަށް މަސައްކަތް ދާނެ ސަބަބެއް ނޫން ކަން ފާހަގަކުރައްވާ ވަޒީރު ވަނީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް ބަޔަކާ ހަވާލުކުރަނީ އެކަން ކުރެވޭނެ ބައެއްކަން ޔަޤީންވެވަޑައިގަންނަވައިގެންކަމަށް ވިދާޅުވެފައެވެ.