ޚަބަރު

ރާއްޖެ ސުޕަރ ލީގު: މާފުއްޓާއި ފުނަދޫއިން ފެށީ މޮޅަކުން


މުޅި ރާއްޖެއަށް ހުޅުވާލައިގެން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކުރިއަށް ގެންދާ ރާއްޖެ ސުޕަރ ލީގުގެ ފުރަތަމަ މެޗުތަކުން، ކ. މާފުއްޓާއި ށ. ފުނަދޫ މޮޅުވެއްޖެއެވެ.

މުބާރާތުގައި އިއްޔެ ކުޅުނީ ގްރޫޕް އޭގެ ދެ މެޗެވެ. އެގޮތުން އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ މާފުއްޓާއި އައްޑޫ ސިޓީގެ ޓީމެވެ. މި މެޗުން އައްޑޫ ސިޓީގެ މައްޗަށް މާފުށިން ކުރިހޯދީ 1-3 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު، 19-25 އިން މާފުށިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓުގައި މާފުއްޓަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި، ކުޅުން ރަނގަޅުކޮށް އައްޑޫ ސިޓީން ކާމިޔާބުކުރީ 21-25 އިންނެވެ.

ހެދުނު ގޯސްތައް ރަނގަޅުކޮށް، މުބާރާތުގެ ފެށުން ރަނގަޅުކުރުމުގެ ވަރުގަދަ އަޒުމުގައި ނުކުމެ މާފުށިން ވަނީ މެޗުގެ ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓުވެސް ކާމިޔާބުކޮށްފައެވެ. މި ސެޓުތައް މާފުށިން ގެންދިޔައީ 07-25 އަދި 23-25 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާފުށި ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސުގާވަރަ މިޒުޗީއެވެ.

ރޭ ކުޅުނު މުބާރާތުގެ ދެވަނަ މެޗުގައި ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުނަދޫއާއި ލ.ގަން ވާދަކުރި މި މެޗު ނިމުނީ ފަސް ސެޓު ކުޅެގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފުނަދޫއިން 25-27 އިން ގެންދިޔައިރު ދެވަނަ ސެޓު 23-25 އިން ކާމިޔާބުކުރި ގަމެވެ. ދެވަނަ ސެޓު ގެންދެވުމުން ރަނގަޅު ފޯމެއްގައި ބޮޑު ކޮންފިޑެންސަކާއެކު ނުކުމެ ގަމުން ވަނީ ތިންވަނަ ސެޓު، 17-25 އިން ކާމިޔާބުކޮށްފައެވެ.

ނަމަވެސް ފުނަދޫއިން ވަނަ ހަތަރުވަނަ ސެޓުގައި ކުޅުން ރަނގަޅުކޮށް، ގަމުގެ މައްޗަށް 23-25 އިން ކުރިހޯދާފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު މެޗުގެ ފަސްވަނަ ސެޓު، ފުނަދޫއިން ކާމިޔާބުކުރީ 15-17 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުނަދޫއަށް ކުޅެމުން އަންނަ ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ތަރި އާމިނަތު ޝަހާއެވެ.

މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ހަވީރު ބައްދަލުކުރާނީ ގްރޫޕް ބީގެ ލ. މާބައިދޫއާއި ކ.ހުރާއެވެ. ދެވަނަ މެޗުގައި ރޭގަނޑު ބައްދަލުކުރާނީ ދ.މާއެނބޫދޫ އާއި މާލޭ ސިޓީއެވެ.