ވެނެޒުއެލާގެ ރައީސްކަމުގެ މަސްޢޫލިއްޔަތުތަކާ ވަގުތީގޮތުން ޙަވާލުވެވަޑައިގެންނެވުމަށް، އެ ޤައުމުގެ ނައިބު ރައީސް ޑެލްސީ ރޮޑްރީގޭޒް އަށް ސުޕްރީމް ކޯޓުން އަންގައިފިއެވެ.
ޖެނުއަރީ 2ވަނަ ދުވަހު ވެނެޒުއޭލާ ގަޑިން މެންދަމުގެ ވަގުތެއްގައި އެމެރިކާގެ ގިނަ ޢަދަދެއްގެ ހެލިކޮޕްޓަރުތައް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެ ވަނީ ވަރުގަދަ ޙަމަލާތަކެއް ދިނުމަށްފަހު، ރައީސް ނިކޮލަސް މަދޫރޯ އާއި އަނބިކަނބަލުން ހައްޔަރުކޮށްގެން ވަނީ އެމެރިކާގެ ނިއު ޔޯކަށް ގެންގޮސް، ބަންދުކޮށްފައެވެ.
ވެނެޒުއެލާގެ ސުޕްރީމް ކޯޓުން މިއަދު ނެރުނު ޢަމުރުގައި ބުނީ، ވެނެޒުއެލާގެ ދަޢުލަތް ހިންގުމާއި މިނިކަންކަމާއި އިސްތިޤުލާލު ދިފާޢުކުރުމަށްޓަކައި، ދަޢުލަތުގެ އެންމެ މަތީވެރިޔާގެ މަޤާމު ހުސްކޮށް ނުބޭއްވޭނެ ކަމަށެވެ. އެހެންވެ، އެ މަސްޢޫލިއްޔަތުތަކާ ނައިބު ރައީސް ވަގުތީގޮތުން ޙަވާލުވުމަށް ސުޕްރީމް ކޯޓުން ނެރުނު ޢަމުރުގައި އަންގާފައިވެއެވެ.
މަދޫރޯ އާއި އަނބިކަނބަލުން މި ވަގުތު ހުންނެވީ ނިއު ޔޯކުގައި ހުންނަ ޑިޓެންޝަން ސެންޓަރެއްގައެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ އޮފިޝަލަކު ރޮއިޓަރސް ނޫހަށް ވިދާޅުވި ގޮތުގައި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ނިރުބަވެރި ޙަމަލާތައް ރޭވުން ފަދަ އެތައް ދަޢުވާއެއް މަދޫރޯގެ މައްޗަށް އުފުލުމަށް ދަނީ ތައްޔާރުވަމުންނެވެ. އަދި މިއަދުގެ ވަގުތެއްގައި މެންހަޓަންގެ ފެޑަރަލް ކޯޓަށް މަދޫރޯ ހާޒިރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ވެނެޒުއެލާގައި ވެރިކަމުގެ އިންތިޤާލީ އިންތިޒާމެއް ހަމަޖައްސައިދެވެންދެން އެ ޤައުމު ހިންގާނީ އެމެރިކާއިން ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، މަދޫރޯގެ ދިގު ވެރިކަމުގައި، ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮންނަ ވެނެޒުއެލާގެ ތެލުގެ ވިޔަފާރީގެ އުމްރާނީ ވަޞީލަތްތައް ވަރަށް ބޮޑަށް ހީނަރުކޮށްލާފައިވާއިރު، އެ ވަޞީލަތްތައް އަލުން ބިނާކޮށް، ތެލުގެ ވިޔަފާރިއާ އެމެރިކާގެ ތެޔޮ ކުންފުނިތަކުން ޙަވާލުވުމަށް ދަނީ ތައްޔާރުވަމުންނެވެ.
ޓްރަމްޕް އެ އިޝާރާތްކުރެއްވި އިންތިޤާލީ މަރުޙަލާގައި ވެނެޒުއެލާގައި ވެރިކަން ކުރައްވާނެ ބޭފުޅެއްގެ ނަމެއް ވިދާޅެއްނުވެއެވެ. ނަމަވެސް، ވެނެޒުއެލާގެ އިދިކޮޅު ލީޑަރު އަދި ނޮބެލް ސުލްޙައިގެ އިނާމު ލިބިފައިވާ މާރިއާ ކޮރީނާ މަޗާޑޯއަށް، ވެނެޒުއެލާގެ ރައްޔިތުންގެ ތާޢީދުނެތް ކަމަށް ޓްރަމްޕް ސާފުކޮށް ވިދާޅުވިއެވެ.