ޚަބަރު

ވެނެޒުއެލާއަށް ދިން ޙަމަލާއާ ގުޅިގެން އދގެ ކަންބޮޑުވުން


އެމެރިކާއިން ވެނެޒުއެލާއަށް ޙަމަލާދީ އެ ޤައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ޤައުމުން ބޭރަށް ގެންދިޔުމުން އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުތޭޚެޝް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެމެރިކާގެ ޙަމަލާއަށް ފަހު ރަޝިޔާއާއި ޗައިނާގެ ތާއީދާއެކު ވެނެޒުއެލާއާއި ކޮލޮމްބިޔާއިން ވަނީ އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް އެދިފައެވެ. 15
މެންބަރުންގެ މައްޗަށް އެކުލެވޭ މި މަޖިލީހުގެ ބައްދަލުވުމެއް މިހާތަނަށް ތާވާލުކޮށްފައެއް ނުވެއެވެ.

ގުތޭޚެޝްގެ ތަރުޖަމާނު، ސްޓެފާން ދުޖަރިކް ވިދާޅުވީ އެމެރިކާގެ އަމަލުތަކުން އެހެން ޤައުމުތަކަށް ދެވެނީ ނުރައްކާތެރި މެސެޖެއް ކަމަށެވެ. އދގެ ޗާޓަރު ހިމެނޭ ގޮތަށް ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ހުރިހާ ފަރާތަކުން ވެސް އިޚްތިރާމުކުރުމުގެ މުހިންމުކަން ގުތޭޙެޝް ފާހަގަކުރައްވައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ޙާލަތުގައި ބައިނަލްއަޤްވާމީ ޤާނޫނަށް ޢަމަލުކޮށްފައި ނުވާތީ ގުތޭޚެޝް އެކަމާ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ދުޖަރިކް ވިދާޅުވިއެވެ.

ވެނެޒުއެލާއާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވަމުންދާތީ އދގެ ސަލާމަތީ މަޖިލީހުން ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. އެއީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އާއި ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެމެރިކާގެ ޙަމަލާއާ ގުޅިގެން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް އެދިވަޑައިގަންނަވައި ފޮނުއްވި ސިޓީއެއްގައި ވެނެޒުއެލާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަމުއެލް މޮންކަޑާ ވިދާޅުވީ އެމެރިކާއިން ޞުލްޙަވެރި ޤައުމަކާ ދެކޮޅަށް އަސްކަރީ ޙަމަލާއެއް ދީފައިވާ ކަމަށާއި އޭގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޞުލްޙައާއި ސަލާމަތަށް ބުރޫއަރާ ކަމަށެވެ. އަދި އެއްވެސް ޤައުމެއްގެ ސަރަޙައްދީ ނުވަތަ ސިޔާސީ މިނިވަންކަމާ ދެކޮޅަށް ބާރުގެ ބޭނުންކުރުން މަނާކުރާ އދގެ ޗާޓަރާ އެމެރިކާއިން ކަނޑައެޅިގެން ޚިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.