ޔޫކްރެއިނުން ބޭނުންވަނީ ރަޝިޔާއާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމުމަކަށް ގެންނަން ކަމަށާއި ނަމަވެސް ހުރިހާ ކަމަކަށް ދޫދީގެން ހަނގުރާމަ ދިގުދެމިގެންދާ ގޮތަށް "ބަލިކަށި" ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިނުކުރައްވާނެކަމަށް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
އައު އަހަރާ ދިމާކޮށް ޤައުމާ މުޚާތަބް ކުރައްވާ ޒެލެންސްކީ ދެއްވި ތަޤުރީރުގައި ވިދާޅުވީ، ގާތްގަނޑަކަށް ހަތަރު އަހަރުގެ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ ރައްޔިތުން ވަރުބަލިވެފައިވާ ކަމަށާއި، ނަމަވެސް، ހުރިހާ ކަމަކަށް ދޫދޭން ތައްޔާރު ނޫން ކަމަށެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި، ޔޫކްރެއިނުން ސޮއިކުރާނީ، ހަރުދަނާ އަދި މި ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނުވޭފަދަ އެއްބަސްވުމެއްގައި ކަމަށާއި، އެ ކަން ކޮންމެ ބައްދަލުވުމެއްގައި، މަޝްވަރާއެއްގައި ވެސް ވަރަށް ސާފުކޮށް ބަޔާންކޮށްދެވިފައިވާނެއެވެ.
ޒެލެންސްކީ ވިދާޅުވީ އެމެރިކާ އިސްވެ އޮވެ ކުރިއަށް ގެންދިޔަ ދިގު މަޝްވަރާތަކުގެ ތެރޭގައި މިދިޔަ ހަފްތާ ބަންދުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ފްލޮރިޑާގައި ކުރެއްވި މަޝްވަރާތަކުން ސުލްޙައިގެ އެއްބަސްވުމެއް ގާތްގަނޑަކަށް ތައްޔާރުވެފައިވާ ކަމަށެވެ.
"ސުލްޙާއިގެ އެއްބަސްވުމެއް އޮތީ 90 އިންސައްތަ ތައްޔާރަށް، 10 އިންސައްތަ ބާކީ އޮތީ،" އޭނާ ވިދާޅުވި އެވެ.
ޒެލެންސްކީ އެ އިޝާރާތް ކުރެއްވި 10 އިންސަތައިގެ ހިމެނެނީ، ޔޫކްރެއިންގެ ދޮންބާސް ސަރަޙައްދާ މެދު އުފެދިފައިވާ ޚިލާފެވެ.
ޔޫކްރެއިނުން މިހާރު ހުށަހަޅާފައިވާ އޮނިގަނޑުގައިވާ ގޮތުން، ހަނގުރާމަ ނިމުމަކަށް އަންނަ ދުވަހުން ފެށިގެން، މިހާރު ދެ ޤައުމުގެ އަސްކަރިއްޔާ ތިބި ސަރަޙައްދުތަކުގައި ދެމިތިބޭނެއެވެ. ނަމަވެސް، މުޅި ދޮންބާސް ސަރަޙައްދުން ޔޫކްރެއިން ސިފައިން ފޭބުމަކީ އެމެރިކާއިން މީގެކުރިން ވެސް ހުށަހަޅާފައިވާ ގޮތެވެ. އަދި އެއީ ރަޝިޔާއިން ވެސް ބޭނުންވާ ގޮތް ކަމަށް އެ ޤައުމުގެ ރައީސް ވްލަޑިމީރް ޕޫޓިން ވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ.