ޚަބަރު

ޕީއެސްއެމް ނިއުސްގެ "ނިމުނު 52 ހަފުތާ 2025" ނެރެެފި


  • އަހަރުގެ 52 ހަފުތާގައި ހިނގައިދިޔަ މުހިންމު ހުރިހާ ކަމެއް ހިމެނޭ ފޮތެއް

  • ފޮތުގައި ހުރި ހުރިހާ ޚަބަރަކީ ޕީސްއެމް ނިއުސްގެ ނޫސްވެރިން ލިޔެފައިވާ ޚަބަރު

  • މިފޮތަކީ މައުލޫމާތަށް ލޯބިކުރާ ފަރާތްތަކަށް ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ފޮތެއް

ނިމުނު އަހަރުގެ މުހިންމު ހުރިހާ ޚަބަރެއް އެއްފޮތަކަށް ފެންނާނެގޮތަށް ޕީއެސްއެމް ނިއުސްއިން ތައްޔާރުކުރި "ނިމުނު 52 ހަފުތާ 2025" ނެރެފިއެވެ.

ޕީއެސްއެމްގެ ޓީވީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.

"ނިމުނު 52 ހަފްތާ 2025" އަކީ އަހަރުގެ 52 ހަފުތާގައި ހިނގައިދިޔަ މުހިންމު ހުރިހާ ކަމެއް އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. މި ފޮތް ނެރުމުގެ މަސައްކަތުގައި ޕީއެސްއެމް ނިއުސްގެ ވެރިންނާއި މުވައްޒަފުން މަސައްކަތްކުރީ އެއްޓީމެއްގެ ގޮތުގައެވެ. ފޮތުގައި ހުރި ހުރިހާ ޚަބަރަކީ ޕީސްއެމް ނިއުސްރޫމުގެ ނޫސްވެރިން ލިޔެފައިވާ ޚަބަރެވެ.ފޮޓޯތައް ނެގުމުގައި ޕީއެސްއެމް ނިއުސްގެ ފޮޓޯގުރާފަރުން މުހިންމު ދައުރެއް އަދާކުރިއެވެ.

ފޮތުގެ ކުށް ފިލުވައި ފުރިހަމަކުރުމަށް ޚާއްސަ ޓީމަކުން މަސައްކަތްކުރިއެވެ. މިކަމުގައިވެސް ޕީއެސްއެމްް ނިއުސްގެ ވެރިންނާއި އެޑިޓަރުން ދުވަހުންދުވަހަށް ކުރަންޖެހޭ މަސައްކަތް ކުރަމުން، ފޮތް ތައްޔާރުކުރުމަށް ގިނަވަގުތު ހޭދަކުރިއެވެ. މި ފޮތުގެ މުޅި ލޭއައުޓް ހަދައި ފޮތެއްގެ ސިފައިގައި ނެރުމަށް އެންމެ ބޮޑު ދައުރެއް އަދާކުރީ ޕީއެސްއެމް ނިއުސްގެ އިންފޯގްރެފިކްސް ޓީމުގައި ހަރަކާތްތެރިވާ ޢާއިޝަތު އިޒުވީނާއެވެ.

ޕީއެސްއެމް ނިއުސްގެ "ނިމުނު 52 ހަފްތާ "2025 ފޮތް އިފްތިތާހްކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޑެޕިއުޓީ ޑިރެކްޓަރ ނިއުސް އެންޑް ކަރަންޓް އެފެއާޒް އަހުމަދު ޖަދުއާން ވިދާޅުވީ، މި މަސައްކަތުގައި ޕީއެސްއެމްގެ ނޫސްވެރިން ކުރެއްވި ބުރަ މަސައްކަތަކީ މި ފޮތް ނެރުމުގެ ހަގީގީ ފެށުންކަމަށެވެ. ހަމައެއާއެކު ވޭތުވެދިޔަ ދެ އަހަރުތެރޭ ޕީއެސްއެމް ނިއުސްއަށް އައި ބަދަލުތަކަށްޓަކައި ނިއުސް ހެޑް އަމީންއަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

"ޕީއެސްއެމްގެ ނޫސްވެރިން ކުރެއްވި ބުރަ މަސައްކަތަކީ މި މަސައްކަތުގެ ހަގީގީ ފެށުން. ޕީއެސްއެމްގެ ނޫސްވެރިންނަކީ ކޮންމެ ދުވަހަކު އެތައް މަސައްކަތެއްކުރާ ބައެއް. ޑިއުޓީންނާއި ޑިއުޓީން ބޭރުން. ކުރިއަށް އޮތް މަސައްކަތްތަކަށް ހިތްވަރުދެން. މި ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ޕީއެސްއެމް ނިއުސްއަށް އައި ބަދަލާއި ޕީއެސްއެމް ނިއުސްއިން ކުރެވުނު މިކަހަލަ މަސައްކަތްތަކުގެ މޭސްތިރިއަކީ ނިއުސް ހެޑް އަމީން. އެކަމަށްޓަކައި އަމީން އަށް ޝުކުރުއަދާކުރަން" ޖަދުއާން ވިދާޅުވިއެވެ.

މިފޮތަކީ އާންމު ރައްޔިތުންނަށާއި ނޫސްވެރިންނަށާއި، އޮފީސްތަކާއި ތާރީޚު ދިރާސާ ކުރައްވާ ބޭފުޅުންގެ އިތުރުން މައުލޫމާތަށް ލޯބިކުރާ ފަރާތްތަކަށް ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ފޮތެކެވެ. "ނިމުނު 52 ހަފުތާ 2025" މިފޮތުގެ ޚިޔާލަކީ ޕީއެސްއެމް ނިއުސްއިން 2025 ވަނަ އަހަރު ކުރާނެ އައު ކަންކަމާއި ގުޅޭގޮތުން 2024ވަނަ އަހަރު ކުރެވުނު މަޝްވަރާގެ ތެރެއިން އުފެދުނު ޚިޔާލެކެވެ.

ފޮތް ނެރުމަށް އެންމެ ބޮޑު އެހީތެރިކަމަކަށްވީ ޕީއެސްއެމް ނިއުސްއިން ކޮންމެ ހަފުތާއަކު ގެނެސްދެމުންދިޔަ "ނިމުނު ހަފުތާ" ސެގްމެންޓެވެ. އެއް ހަފުތާއެއްގެތެރޭގައި ހިނގާ އެންމެހައި މުހިންމު ކަމެއް ކޮންމެ ހުކުރު ދުވަހެއްގެ މެންދުރުފަހު 2ގެ ޚަބަރުގައި އަންނަނީ ގެނެސްދެމުންނެވެ. މިއަހަރަކީ މިމަސައްކަތް މިއަށްވުރެވެސް ފުރިހަމައަށް ކުރެވޭނެ އަހަރަކަށް ހެދުމަކީ ޕީއެސްއެމްގެ އަމާޒެވެ.