ޚަބަރު

ވެނެޒުއޭލާގެ ތެލުގެ ވިޔަފާރިއަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެމެރިކާއިން އަޅައިފި


ވެނެޒުއޭލާއިން އުފައްދާ ތެޔޮ ބޭރުކުރުން ހުއްޓުވުމުގެ ގޮތުން، އެކަމުގައި ބައިވެރިވާކަމަށް ތުހުމަތުކުރާ އިތުރު ހަތަރު އުޅަނދަކާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ތުހުމަތު ކުރާ ގޮތުގައި، ވެނެޒުއެލާއިން ވަގަށް ތެޔޮ ބޭރުކޮށްގެން ލިބޭ އާމްދަނީ ބޭނުންކުރަނީ، މަސްތުވާތަކެތީގެ ވިޔަފާރު ފުޅާކުރުމަށެވެ.

އެކަން ހުއްޓުވުމަށް ކަމަށްބުނެ، ވެނެޒުއާލޭއިން ތެޔޮ ބޭރުކުރަން ބޭނުންކުރާ ތެޔޮ އުފުލާ ޓޭންކަރުތަކާއި ކުންފުނިތަކާ ދެކޮޅަށް އެމެރިކާއިން ދަނީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

މިގޮތުން، އެމެރިކާއިން ފާހަގަ ކޮށްފައިވާ ތެޔޮ ޓޭންކަރުތަކަށް ވެނެޒުއެލާގައި ބަނދަރު ކުރުމާއި، އެ ޤައުމުން ބޭރަށް ދަތުރު ކުރުމަށް ހުރަސް އަޅާނެއެވެ.

އޭގެއިތުރުން، ޕެސިފިކް ކަނޑާއި ކެރީބިއަން ކަނޑުގައި އެމެރިކާގެ އަސްކަރީ ޙަރަކާތްތައް ފުޅާކޮށް، މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ ގިނަ އުޅަނދުތަކަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ޙަމަލާދީފައެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު މިހާރުވެސް ވަނީ ވެނެޒުއޭލާގެ ތެޔޮ އެކްސްޕޯޓަށް ކޮށްފައެވެ. މިގޮތުން، މިދިޔަ ނޮވެމްބަރު މަހަށް ވުރެ، މިދިޔަ މަހު ތެޔޮ ބޭރުކުރި މިންވަރު ވަނީ ދެ ބައި ކުޅަ އެއްބަޔަށް ދަށްވެފައެވެ.

އެމެރިކާގެ މާލީ ވުޒާރާއިން ފިޔަވަޅު އެޅި އުޅަނދުތަކުގެ ތެރޭގައި، ހޮންގ ކޮންގ އަށް ނިސްބަތްވާ ދެ އުޅަނދަކާއި، ޕެނަމާ އަދި ގިނީއަށް ނިސްބަތްވާ އުޅަނދެއް ހިމެނެއެވެ.

އަދި ވެނެޒުއޭލާއިން ވަގަށް ތެޔޮ ބޭރުކުރާ އިތުރު އުޅަނދުތަކާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ވުޒާރާއިން ވަނީ ދީފައެވެ.