މާލެ ސަރަހައްދުގައި މަގުމަތީގައި އުޅޭ ބުޅާތައް އޮޅުހިޔާއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 200 އަށްވުރެ ގިނަ ބުޅާ ނަގާފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ދަނީ، މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެންގުޅުމަށް ސަރުކާރުން ހަދާފައިވާ އޮޅުހިޔާގައި ޚިދުމަތްތައް ޤާއިމުކޮށް އެތަން ފުރިހަމައަށް ހިންގުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް އެ ވުޒާރާއިން ދަނީ ކުރަމުންނެވެ.
މާލެއާއި ހުޅުމާލޭގެ އިތުރުން މިހާރު ވިލިމާލޭގެ އެކި ސަރަހައްދުތަކުން ބުޅާތައް ނެގުމުގެ މަސައްކަތްކުރާއިރު، މިވަގުތުވެސް އޮޅުހިޔާއަށް ވަނީ 253 ބުޅާ ގެންގޮސްފައެވެ. މީގެ ތެރޭގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ކޮށިތަކަށް ބަދަލުކޮށްފައިވާ ބުޅާތަކާއި، މިހާރުވެސް ކަރަންޓީނުގައި ތިބި ބުޅާތައް ހިމެނެއެވެ. ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މިހާރުވަނީ، ބުޅާތައް ނިއުޓަރ ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ނިއުޓަރ ކުރަން ފެށުމާއެކު އިތުރު ބުޅާތައް ނެގުމަށް ޖާގަ ލިބެމުންދާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
އޮޅުހިޔާގެ މަސައްކަތުގެ ދަށުން އޮޅުހިޔާގެ ކްލިނިކް ބަޔަށް ބޭނުންވާ ބޭހާއި، އެހެނިހެން އާލާތްތައް މިހާރު ހޯދާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ކްލިނިކް ރަޖިސްޓްރީކޮށް އެމްއެފްޑީއޭއިން ކޮންޓްރޯލްޑް ޑްރަގްސްގެ ހުއްދަ ނަގާ، ސާޖަރީ ކުރުމަށް ބޭނުންވާ ހޭނައްތާ ބޭސްތައް މިހާރު ހޯދާފައިވާ ކަމަށްވެސް ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ނެގުމުގެ މަސައްކަތް ކުރާއިރު، އެއްފަހަރާއި 100 ބުޅާ ކަރަންޓީނު ކުރެވޭނެ ޖާގަވެސް ވަނީ އިތުރުކޮށްފައެވެ.
އޮޅު ހިޔާއަކީ، މަގުމަތީގައި ބުޅާ ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ޤާއިމްކުރި ފެސިލިޓީއެކެވެ. މިއާއެކު ބުޅަލުގެ ސަބަބުން ރަށު ތެރެއާއި މަގުތައް ހަޑިވެ، ނަޖިސްވުން ކުޑަކުރެވި، އޯގާތެރިކަމާއި އަޅާލުމާއެކު ބުޅާތައް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.