ޚަބަރު

ބޭރުގެ ޙާފިޡުން ގެންނަން ވިސާއަށް އެދެން ހުޅުވާލައިފި


  • ހާފިޒުން ގެންނަން އިމުގާ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ

  • ހާފިޒުންނާއެކު އާއިލާގެ މެންބަރަކު ގެންނަވާނަމަ ސްޕޮންސަރޝިޕް ޑެކްލަރޭޝަން ހުށަހަޅަންޖެހޭ

އަންނަ ރަމަޟާންމަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފުޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް، ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަަށް ވިޒާއަށް އެދެން ހުޅުވާލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ވިދާޅުވީ، ރޯދަ މަހު މިސްކިތްތަކުގައި ތަރާވީހު ނަމާދު ކުރުމަށާއި ހިފުޒު ކުރުމަށް ގާރީން ނުވަތަ ޙާފިޡުން ގެނައުމަަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުއްދަ ދޫކޮށްފައިވާ މީހުންނަށް ޙާފިޡުން ގެނައުމަށް މިހާރު ވިޒާއަށް ހުށަހެޅޭނެ ކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ޝަރުތު ފުރިހަމަވާ ފަރާތްތަކަށް އިތުރު ފީއެއް ނުދައްކައި، އެ ފަރާތްތައް ރާއްޖެ އަންނަ ތާރީޚުން ފެށިގެން 45 ދުވަހުގެ ސްޕެޝަލް ވީޒާއެއް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ޙާފިޡުން ގެނައުމަށް ބޭނުންވާ ފަރާތްތަކުން އިމުގާ ޕޯޓަލް މެދުވެރިކޮށް، ލިޔެކިޔުންތަކާއެކު މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އަދި ޙާފިޡުގެ ޕާސްޕޯޓު ޑާޓާ ޕޭޖުގެ ސާފު ކުލަ ކޮޕީއަކާއި، ފޮޓޯއަކާއި ޕާމިޓް ޑެކްލަރޭޝަން ހުށަހަޅަންޖެހޭ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މީގެއިތުރުން ސްޕެޝަލް ވިޒާ ދޫކުރެވޭ ޙާފިޡުންނާއި ގާރީން ރާއްޖެ ވަޑައިގަންނަވާއިރު، އެފަރާތްތަކުގެ އާއިލާގެ މެންބަރަކު ރާއްޖެ ގެންނަވާނަމަ އިމުގާ ޕޯޓަލް މެދުވެރިކޮށް ސްޕޮންސަރޝިޕް ޑެކްލަރޭޝަނަށް ހުށަހަޅައި، ރާއްޖެއަށް ދަތުރު ފެށުމުގެ ކުރިން ހުއްދަ ހޯދަން ޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

ރަމަޟާން މަހު މިސްކިތްތަކުގައި ނަމާދުކުރަން ގެންނަ ޙާފިޡުންގެ އާއިލާގެ މެންބަރަކު ރާއްޖެ އައުމުގެ ކުރިން ސްޕޮންސަރޝިޕް ޑެކްލެރޭޝަނަށް ހުށަހަޅައިގެން އައިސްފިނަމަ، އެ މީހަކަށް ރާއްޖޭގައި ހުރުމަށް ޓޫރިސްޓު ވިސާ ދޫކުރާނެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ، ސްޕެޝަލް ވިޒާ ނުވަތަ ސްޕޮންސަރޝިޕް އެޕްރޫވަލް ލިބޭ ފަރާތްތަކުން ރާއްޖޭގައި ހޭދަކުރާ މުއްދަތުގައި، އެފަރާތްތަކުގެ ވިޒާގެ ކަންތައް ޤަވާއިދާ އެއްގޮތަށް ފުރިހަމަ ކުރެއްވުމަށާއި، ވިޒާގެ މުއްދަތު ހަމަވުމުގެ ކުރިން އެފަރާތްތައް ރާއްޖެއިން ފުރުވާލުމުގެ އިންތިޒާމް ހަމަޖެއްސުމަކީ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުއްދަ ދޫކުރައްވާފައިވާ ފަރާތެއްގެ ޒިންމާއެއް ކަމަށެވެ.