ޢުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް އަމާޒުކޮށް މޯލްޑިވިއަންއިން ފެށި ދަތުރުތަކުގެ ޑިމާންޑު ބޮޑުވެ އިތުރު ދަތުރުތައް ޝެޑިއުލްކުރަމުންދާކަމަށް ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވިދާޅުވެއްޖެވެ.
މޯލްޑިވިއަންއިން ޢުމްރާ ދަތުރުތައް ފަށާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައިއެވެ. މޯލްޑިވިއަނުން ޢުމްރާ ދަތުރުތަކުގައި ބޭނުންކުރަނީ ވައިޑް-ބޮޑީ މަތިންދާބޯޓެވެ.
ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ސްކޫލް ބަންދާ ދިމާކޮށް، މާލެއިން ޖިއްދާއަށް ސީދާ ދަތުރުތަކެއް ބޭއްވުމަށް ނިންމީ މިމަހުގެ 11 ވަނަ ދުވަހުއެވެ. މި ދަތުރުތަކަކީ ޢުމްރާއަށް ދިއުމަށް ރާވާފައިވާ ދިވެހިންނަށް ވަރަށް ފަސޭހަ ދަތުރުތަކެއްކަމަށް ވިދާޅުވިއެވެ.
މާލެއިން ޖިއްދާއަށް ދަތުރުކުރުމަށް 3 ފްލައިޓެއް އޮޕަރޭޓްކުރާއިރު ދަތުރުތައް ފަށާފައިވަނީ މިމަހުގެ 27 އަދި 28 ވަނަ ދުވަހުއެވެ. އަދި ޖިއްދާއިން މާލެއަށް އައުމަށް ތިން ފްލައިޓެއް އޮޕަރޭޓު ކުރާއިރު ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ އަންނަ މަހުގެ 10، 11 އަދި 12 ވަނަ ދުވަހުކަމަށް ވިދާޅުވިއެވެ.
މިދަތުރުތަކާއެކު އުމްރާއަށް ދާ ފަރާތްތަކުގެ ޑިމާންޑު ބޮޑުވެ އިތުރު ފްލައިޓްތައް ޝެޑިއުލްކުރަމުންދާކަމަށާއި، އެގޮތުން ވިއްސަށްވުރެ ގިނަ ފްލައިޓް ޝެޑިއުލްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަންއިން ވިދާޅުވިއެވެ. މީގެ އިތުރުން މޯލްޑިވިއަނުން ދަތުރުކުރާ އިތުރު މަންޒިލްތަކުގެވެސް ފްލައިޓްތައް އިތުރުކުރަމުންދާކަމަށް އެއަރލައިނުން ވިދާޅުވިއެވެ.
މި ޝެޑިއުލްގެ ސަބަބުން، ޢުމްރާގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ޖިއްދާގައި ގިނަ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ދަތުރުވެރިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، ސްކޫލް ބަންދާ ދިމާކޮށް މި ދަތުރުތައް ހަމަޖައްސާފައިވުމުން، އާއިލާތަކަށް އެއްކޮށް ދަތުރުކުރުން އިތުރަށް ފަސޭހަވެގެންދާނެކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ. އުމްރާއަށް ޚާއްސަ ދަތުރުތަކުގެ އިތުރުން މޯލްޑިވިއަނުން ވަނީ މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖާޖީން ގެންދިއުމަށް ސަޢޫދީއަށް 2 ދަތުރުކޮށްފައެވެ.