ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ސުލްޙައިގެ އެއްބަސްވުމަކާ ވަރަށް ގާތަށް އާދެވިފައިވާ ކަމަށާއި، ނަމަވެސް ބައެއް ކަންކަމުގައި އަދިވެސް ޚިލާފުތަކެއް ހުރި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާއާ އެކު ކުރެވުނު ދިގު މަޝްވަރާތަކުގެ އަލީގައި، ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި މައިގަނޑު 20 ނުކުތާގެ މައްޗަށް އެކުލެވޭ ސުލްޙައިގެ އެއްބަސްވުމެއް އޮނިގަނޑެއް ޔޫކްރެއިނުން ވަނީ މިދިޔަ ހަފްތާގައި ހުށަހަޅައިފައެވެ.
އެ އޮނިގަނޑާ މެދު ޓްރަމްޕް މިއަދު ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އާއެކު އެމެރިކާގެ ފްލޮރިޑާގައި ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވާފައެވެ.
އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ޓްރަމްޕް ވިދާޅުވީ، ޔޫކްރެއިންގެ ހުށަހެޅުންތައް މައިގަނޑު ގޮތެއްގައި ރަނގަޅު ކަމަށާއި، ނަމަވެސް، ހަނގުރާމަ ނިމުމަށްފަހު ސަރަޙައްދު ކަނޑައެޅުމުގައި އަދިވެސް ޚިލާފުތަކެއް ހުރި ކަމަށެވެ.
އެ ޚިލާފުތަކަށް ޙައްލު ގެނެސް، ކުރިއަށް އޮތް މަދު ހަފްތާތަކުގެ ތެރޭގައި ހަނގުރާމަ ނިންމުމުގެ އެއްބަސްވުމަކަށް އާދެވިދާނެކަން ސަފުވާނެކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޚިލާފު އުފެދިގެން އުޅޭ ކަންކަމުގެ މާބޮޑު ތަފްޞީލެއް ޓްރަމްޕް ހާމަކުރައްވާފައިނުވި ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި އެއްބަސްނުވެވުނީ، ޔޫކްރެއިންގެ ދޮންބާސް ސަރަޙައްދާ މެދު ކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޔޫކްރެއިނުން މިހާރު ހުށަހަޅާފައިވާ އޮނިގަނޑުގައިވާ ގޮތުން، ހަނގުރާމަ ނިމުމަކަށް އަންނަ ދުވަހުން ފެށިގެން، މިހާރު ދެ ޤައުމުގެ އަސްކަރިއްޔާ ތިބި ސަރަޙައްދުތަކުގައި ދެމިތިބޭނެއެވެ. ނަމަވެސް، މުޅި ދޮންބާސް ސަރަޙައްދުން ޔޫކްރެއިން ސިފައިން ފޭބުމަކީ އެމެރިކާއިން މީގެކުރިން ވެސް ހުށަހަޅާފައިވާ ގޮތެވެ. އަދި އެއީ ރަޝިޔާއިން ވެސް ބޭނުންވާ ގޮތް ކަމަށް އެ ޤައުމުގެ ރައީސް ވްލަޑިމީރް ޕޫޓިން ވެސް ތަކުރާރުކޮށް ވިދާޅުވެފައެވެ.