ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި ދިމާވެދާނެ ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ނޭޝަނަލް އެއަރޓްރެފިކް ސަރވިސަސް (އެމްނެޓްސް) އާއެކު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ހަފުލާއެއްގައި އެކަމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީންއެވެ. އެމްނެޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ތޯހާއެވެ.
މި ދެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދުއެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގައި ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާތަކުގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި، ފުލުހުންނަށާއި އެމްނެޓްސް އަށް ކަނޑައަޅާފައިވާ ދައުރުތަކާއި ޒިންމާތައް އަދި އުސޫލުތައް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ސަބަބުން ފުލުހުން އަދި އެމްނެޓްސްގެ ތަޖުރިބާ އާއެކު ކާރިސާތައް މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމަށާއި މުއާސަލާތީ ގުޅުމާއި ކޯޑިނޭޝަން ހަރުދަނާކުރުމަށާއި މެދުނުކެނޑި ކަންކަން އިސްލާހުކޮށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށް އެމްއޭސީއެލުން ވިދާޅުވެއެވެ.
The Maldives Police Service and @MACLmedia have signed a MoU on Airport Crisis Management.
— Maldives Police (@PoliceMv) December 29, 2025
MoU was signed on behalf of the Maldives Police Service by @PoliceMvCP Ismail Naveen and on behalf of MACL by Chief Executive Officer and Managing Director Ibrahim Shareef Mohamed.
This… pic.twitter.com/VtjQMJCH8F
ހަފުލާގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ އެއަރޕޯޓުގެ އިމަޖެންސީ ކަންކަމުގައި އެމްއޭސީއެލް އާއެކު ފުލުހުން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެމްއޭސީއެލް ކޮންމެ ކަމަކަށްވެސް ފުލުހުންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށާއި މިއަދު ސޮއިކުރި އެއްބަސްވުމާއެކު އެމްއޭސީއެލް އާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ, އެއާޕޯޓް ބޭނުންކުރާ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ, ވީއައިއޭއަކީ ރާއްޖޭގެ އިގުތިސާދު އޭގެ މައްޗަށް ބިނާވެގެންވާ އެއް ފެސިލިޓީއަށްވާއިރު, މިއަދު ސޮއިކުރި އެއްބަސްވުންތަކަކީ ވަރަށް މުހިންމު އެއްބަސްވުންތަކެއް ކަމަށެވެ. އަދި ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވެ ތިބުމަށް އެކި މުއައްސަސާތަކާއެކު އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދު އިތުރަށް ވިދާޅުވީ ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް އެމްއޭސީއެލް އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމަށާއި އެކަން އެންމެ ފުރިހަމައަށް ކުރެވޭނީވެސް ފުލުހުންނާއި އެމްނެޓްސްގެ އިތުރުން ސިއްހީ އިދާރާތަކާއި އެހެނިހެން އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަ ކުރެވިގެން ކަމަށެވެ.