އައު އަހަރާ ދިމާކޮށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ "އޮޕަރޭޝަން ރިވެލި"ގެ ތެރެއިން މިހާތަަނަށް 3986 މީހަކު ހުއްޓުވައި ސުވާލުކޮށް، 29 މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އޮޕަރޭޝަން ރިވެލީގެ ތެރެއިން މިމަހުގެ 24 އިން 28އަށް، މާލެއިން 1693 މީހަކު ހުއްޓުވައި ސުވާލުކޮށް 26 މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި ހުޅުމާލެއިން 2293 މީހަކު ހުއްޓުވައި ސުވާލުކޮށް 3 މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން ބަލައި ފާސްކުރި 1693 މީހުންގެ ތެރެއިން 95 މީހުންނަކީ ބިދޭސީންކަމަށެވެ. އަދި ހުޅުމާލެއިން ހުއްޓުވައި ސުވާލުކުރެވުނު 2293 މީހުންގެ ތެރެއިން 46 މީހުންނަކީ ބިދޭސީންކަމަށެވެ.
އޮޕަރޭޝަން ރިވެލީގެ ތެރެއިން ކުރައްވާ މަސައްކަތްތަކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މި މަސައްކަތުގެ ތެރެއިން، މާލޭގެ 6491 ސަރަހައްދެއް ބަލައިފާސްކޮށް، 1954 އުޅަނދެއް ޗެކްކޮށްފައިވެއެވެ. އަދި 397 ފަރާތެއް ޖޫރިމަނާކޮށްފައިވެއެވެ. އަދި ހުޅުމާލޭގެ 1879 އުޅނދެއް ޗެކްކޮށް، 28 ފަރާތެއް ޖޫރިމަނާކޮށްފައިވެއެވެ.
އައު އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ ރިވެލި އޮޕަރޭޝަންގެ ތެރެއިން ވައްކަމާއި ފޭރުން ހުއްޓުވުމަށާއި، ބަނގުރަލާއި މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކާއި، ސައިލެންސަރު މޮޑިފައިކޮށް އަޑުގަދަކޮށް ދުއްވާ ފަރާތްތަކަށް ފާރަވެރިވުމުގެ އިތުރުން ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް އުޅޭ މީހުން ހުއްޓުވައި ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
މިއަހަރުގެ މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.