އޭނާ ކޮންމެ ލީގެއްގައި ކުޅުނަސް ކުޅުން ހުއްޓާލާނީ 1000 ގޯލު ޖަހާފައި ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އޭނާ މިހެން ބުނީ ގްލޯބަލް ސްޕޯޓްސް އެވޯޑް ހަފުލާގައި މެދުއިރުމަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިގަތުމަށްފަހު އެވެ.
"އަހަރެން ކޮންމެ ތަނެއްގައި ކުޅުނަސް ވަރިހަމަ. 1000 ގޯލު ހަމަ ކުރާނަން. އެއީ އަހަރެންގެ ޓާގެޓެއް،" އުމުރުން 40 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.
ރޮނާލްޑޯ ވަނީ އެކަން ކުރުމަށްޓަކައި ފަހަރުގައި ޔޫރަޕުގެ ލީގެއްގައި ވެސް ކުޅެން ޖެހިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އަދި އޭނާ ބުނީ އަހަރު ނިމުމުގެ ކުރިން ގްލޯބް ސްކާ އެވޯޑް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަަމަށެވެ.
"މެދުއިރުމަތި ނުވަތަ ޔޫރަޕުގައި ވެސް ވިޔަސް މައްސަލައެއް ނެތް. އަހަރެންގެ ޓާގެޓަކީ އެކަން ކުރުން. ދެން ޔަގީން މި އަންނަ ވޯލްޑް ކަޕަކީ އަހަރެންގެ ފަހު މުބާރާތް. ދެން މި އެވޯޑް ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އަހަރު ނިމުގެ ކުރިން ލިބުނު ރަނގަޅު އިނާމެއް މިއީ" ރޮނާލްޑޯ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑަށް ދެ ފަހަރު، އަދި ރެއާލް މެޑްރިޑާއި ޔުވެންޓަސް އަށް ވެސް ކުޅުނު ފޯވަޑް މިހާތަނަށް ޖަހާފައިވަނީ 952 ގޯލެވެ. އޭނާ މިހާރު ކުޅެމުންދަނީ ސައޫދީ އަރަބިއާގެ އައް ނަސްރަށެވެ.
ގްލޯބް ސޮކާ އެވޯޑްގައި ރޭ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ އޮސްމާނޭ ޑެމްބެލޭ އެވެ. އެންމެ މޮޅު ފޯވަޑަކަށާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ގެންދިޔައީ ބާސެލޯނާގެ ލަމީން ޔަމާލެވެ. އެންމެ މޮޅު ކުލަބަކީ ޕީއެސްޖީ އެވެ. އެންމެ މޮޅު ރައީސަކީ އެ ކުލަބުގެ ރައީސް ނަސީރު އަލް ހަލައިފީ އެވެ.