ޚަބަރު

އައު އަހަރަށް ބޭންކުތައް ބަންދުވިޔަސް ޚިދުމަތްތައް ލިބޭނެ


  • 4 ދުވަހަށް ބަންދުވާނެ

  • ދެން ހުޅުވޭނީ 4 ޖަނަވަރީގައި

އައު އަހަރާ ދިމާކޮށް 4 ދުވަހަށް ބޭންކުތައް ބަންދުވިޔަސް، ބޭންކިންގ ޚިދުމަތްތައް ލިބޭނެ ކަމަށް ބީއެމްއެލުން ވިދާޅުވެއްޖެއެވެ. އައު އަހަރާ ދިމާކޮށް، 31 ޑިސެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 3 ޖަނަވަރީ 2026 އާ ހަމައަށް އެމްއެމްއޭ އާއި ބޭންކުތައް ބަންދުވާނެއެވެ. އެމްއެމްއޭ އާއި ބޭންކުތައް ދެން ހުޅުވާނީ 4 ޖަނަވަރީ 2026 ވާ އާދިއްތަ ދުވަހުއެވެ.

ބީއެމްއެލުން ވިދާޅުވީ މި ދުވަސްތަކުގައި އިންޓަނެޓް ބޭންކިންގ، ސެލްފް ސަރވިސް ބޭންކިންގ އަދި އޭޓީއެމް މެދުވެރިކޮށް ހުރިހާ ބޭންކިންގ ޚިދުމަތެއް ލިބޭނެ ކަމަށެވެ. އަދި ކޮންޓެކްޓް ސެންޓަރގެ ނަންބަރު 3330200 އާއި ވެބްޗެޓް އަދި ބޭންކުގެ ސޯޝަލް މީޑިއާ ޗެނަލްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެހީތެރިކަން ލިބޭނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ނިމުމާއިއެކު ބޭންކުން ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމުމަށް ޑިސެންބަރުމަހުގެ ފަހު ހަފްތާގައި ބޭންކުތައް ބަންދުކުރެއެވެ. ބޭންކު ބަންދުކުރިނަމަވެސް ބީއެމްއެލް އަދި އެމްއައިބީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައި ހުރި ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބޭންކުން ވިދާޅުވެއެވެ.