ޚަބަރު

އެމްއެމްއައިގެ ސްކޫލް ހޮލިޑޭ ކޭމްޕު ނިމިއްޖެ


  • ބައިވެރިވި ކުދިންނަށް ވަނީ ސެޓްފިކެޓް ދީފައި

  • މިއީ ސްކޫލު ބަންދާ ދިމާކޮށް ބޭއްވި ކޭމްޕެއް

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން ސްކޫލު ބަންދު ދުވަސްވަރާ ދިމާކޮށް ސްކޫލު ކުދިންނަށް ޚާއްސަ ކޮށްގެން ބޭއްވި "ހޮލިޑޭ ކޭމްޕް" ނިންމާލައިފިއެވެ. މިފަހަރުގެ ކޭމްޕު ކުރިޔަށް ގެންދިޔައީ މީޑިޔާ ދާއިރާގެ އައު 2 ވޯކްޝޮޕަކާއެކުއެވެ.

ސްކޫލު ބަންދާ ދިމާކޮށް ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްއިން "ހޮލިޑޭ ކޭމްޕް" ކުރިއަށް ގެންދިޔައީ މިމަހުގެ 18 އިން 23އަށެވެ. މިފަހަރުގެ ކޭމްޕުގައި އުމުރުން 8 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާގެ 90 ކުދިން ބައިވެރިވިއެވެ.

އެމްއެމްއައިއިން މިފަހަރުގެ ކޭމްޕުގައި އަލަށް ވަނީ އެޑިޓްކުރަން ދަސްކޮށްދޭ ފޮޓޯ ފަންލެބު ކޯހާއި، އެނިމޭޝަން ދަސްކޮށްދޭ އެނިމޭޓަރ ޖޫނިއަރ ކޯސް ވެސް ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން ކޮންމެ ބަންދެއްގައިވެސް ކުރިޔަށްގެންދާ ހެދުން ފަހައި ޑިޒައިންކުރަން ދަސްކޮށްދޭ ކޯސް މިފަހަރުވެސް ކުރިޔަށް ގެންދިޔައެވެ. މިއަދު ވަނީ، "ހޮލިޑޭ ކޭމްޕް" ނިންމި ކުދިންނަށް ސެޓްފިކެޓް ދިނުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވީ، އެމްއެމްއައިއިން ވޯކްޝޮޕްތައް ކުރިއަށްގެންދާއިރު ބަލަނީ ކުދިންނަށް އެންމެ ފައިދާވާނެ ވޯކްޝޮޕްތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.

" އެނގިގެން ދަސްވެގެން އޭގެ ބޭނުންކުރަން ފެށީމަ ރަނގަޅު ފައިދާއެއް ކުރާނީ. ދަސްވި އެއްޗެއް ބޭނުން ކުރަންވާނެ." ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަކީބު ވިދާޅުވިއެވެ.

އެމްއެމްއައިއިން ކޭމްޕުގައި ހިންގި ވޯކްޝޮޕްތައް

- ޓީވީ ޕްރެޒެންޓިން
- ރޭޑިއޯ ޕްރެޒެންޓިން
- ހޯސްޓިން އެންޑް ޕަބްލިކް ސްޕީކިން
- އެޑިޓްކުރަން ދަސްކޮށްދޭ ފޮޓޯފަން ލެބު
- އެނިމޭޝަން ހަދަން ދަސްކޮށްދޭ، އެނިމޭޓް ޖޫނިއަރ ވޯކްޝޮޕް
- ހޭންޑް އެމްބްރޮއިޑަރީ ނުވަތަ ފަހަން ދަސްކޮށްދޭ ވޯކްޝޮޕް
- ލަވަ ކިޔަން ދަސްކޮށްދޭ ވޯކްޝޮޕް
- ސްމާޓްފޯނު ފިލްމް ޝޫޓިން
- ޕެއިންޓް އެންޑް ކްރާފްޓް
- ޔަންގް ޖާނަލިސްޓް ވޯކްޝޮޕް

ސްކޫލު ބަންދާއި ދިމާކޮށް ކުރިޔަށްގެންދިޔަ މި ކޭމްޕަކީ، ވަރަށް މުހިއްމު އަދި އެތަށް ފިލާވަޅުތަކެއް ދަސްވި ކޭމްޕެއް ކަމަށް މި ކޭމްޕުގެ ބައިވެރިން ބުނެއެވެ.

ސްކޫލު ޗުއްޓީއާ ދިމާކޮށް އެމްއެމްއައިއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ވޯކްޝޮޕުތަކަށް ބެލެނިވެރިންގެ ފަރާތުންވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބޭ ކަމަށް އެމްއެމްއައިން ވިދާޅުވެއެވެ. އަދި މި ކޭމްޕުތަކުގެ ސަބަބުން ކުދިންނަށް މީޑިޔާގެ ދާއިރާއިން ތަފާތު ހުނަރުތައް ދަސްވެ، މީޑިއާގެ މުހިންމުކަމާއި މީޑިޔާގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަސްވާކަން އެމްއެމްއައިއިން ފާހަގަކުރައްވައެވެ.

އެމްއެމްއައިއިން އަންނަނީ، މީޑިޔާގެ ދާއިރާއަށް ކުދިންގެ ހިތުގައި ޝައުޤުވެރިކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ސްކޫލް ކުދިންނަށް އެކިއެކި ތަމްރީންތައް ދިނުމާއި، ޕްރެޒެންޓިންގެ ދާއިރާއަށް މީހުންގެ ޝައުޤުވެރިކަން އިތުރު ކުރުމަށް އެމްއެމްއައިއިން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.