ޚަބަރު

ރައީސްގެ ވަޢުދާއި އެއްގޮތަށް އެކަނިވެރިމައިންގެ އިނާޔަތް ބޮޑުކޮށްފި


  • ހަތަރު ކުދިން ތިބޭ އާއިލާއަކަށް މަހަކު 12,000 ރުފިޔާގެ އެހީއެއް ލިބޭނެ

  • މިއީ އަހަރެއްގެ މައްޗަށް ބަލާއިރު ޖުމްލަ 180,000 ރުފިޔާގެ މާލީ އެހީތެރިކަމެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީގެ މިންވަރު މަހަކު 3000 ރުފިޔާއާ ހަމައަށް އިތުރުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މި ބަދަލު ގެނައުމުގެ ގޮތުން އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް މިހާރު ވަނީ ގެޒެޓްކޮށްފައެވެ.

ކުރިން އަމަލުކުރަމުންދިޔަ އުސޫލުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް ކޮންމެ ކުއްޖަކަށް ދެމުން އައީ 1,000 ރުފިޔާގެ އިނާޔަތެކެވެ. އަދި އެހީގެ ގޮތުގައި އެންމެ ގިނަވެގެން ދޫކުރަމުން އައީ މަހަކު 10,000 ރުފިޔާއެވެ. ނަމަވެސް، މިއަދު ގެނެވުނު އާ އިސްލާހާއެކު، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން މާލީ އެހީ ލިބިގެންދާނެއެވެ. އެގޮތުން ހަތަރު ކުދިން ތިބޭ އާއިލާއަކަށް މަހަކު 12,000 ރުފިޔާގެ އެހީއެއް މިހާރު ކަށަވަރުވާނެއެވެ.

މީގެ އިތުރުން، ހަތަރު ކުދިންނަށްވުރެ ގިނައިން ކުދިން ތިބޭނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް މަހަކު 1,000 ރުފިޔާގެ އިތުރު އެލަވަންސެއް ލިބޭނެއެވެ. ސަރުކާރުން ކަނޑައަޅާފައިވާ އައު އުސޫލުގެ ދަށުން، މި އިނާޔަތުގެ އެންމެ މަތީ މިންވަރަކީ މަހަކު 15,000 ރުފިޔާއެވެ. މިއީ އަހަރެއްގެ މައްޗަށް ބަލާއިރު ޖުމްލަ 180,000 ރުފިޔާގެ މާލީ އެހީތެރިކަމެކެވެ.

މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯއިން ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން އާންމުކުރި ހިސާބުތަކަށް ބަލާއިރު، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާ މެދުވެރިކޮށް އެކަނިވެރި މައިންގެ އެލަވަންސް ހޯދުމަށް 5,443 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަކީ ރައީސް ޑރ.މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެކެވެ. އަދި އަންނަ އަހަރުން ފެށިގެން އެކަނިވެރިމައިންގެ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޮކްޓޫބަރުމަހު އިއުލާން ކުރައްވާފައެވެ.