ރަޖިސްޓަރީ ކޮށްގެން ހިންގާތާ އެއް އަހަރު ދުވަސްވެފައިވާ މީޑިއާތަކަކަށްވެސް ދައުލަތުގެ މާލީ އެހީ ލިބޭގޮތަށް އެކަމާއި ގުޅޭ އުސޫލު ބަދަލުގެނެސްފިއެވެ.
މީޑިއާތައް ރެގިއުލޭޓްކުރައްވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވިދާޅުވީ އުސޫލަށް ގެނައި ބަދަލަކީ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ތަންފީޒު ކުރުމުގެ ގޮތުން ގެނައި މުހިންމު ބަދަލެއް ކަމަށެވެ.
ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 19ވަނަ ދުވަހުއެވެ. އޭރު އެކުލަވާލި އުސޫލުގައިވާ ގޮތުން ދަޢުލަތުން އަމިއްލަ މީޑިއާތަަކަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމަށް އެދެެވޭނީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ 3 އަހަރު ވެފައިވާ މީޑިއާތަކަށެވެ.
އެހެންނަމަވެސް މި ޝަރުތުތަކަށް ބަދަލުގެނެސް މިއަދު އާންމުކުރެއްވި އައު އުސޫލުގެ ދަށުން، މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް ލިބިގެން މެދުނުކެނޑި ހިންގަމުންދާ މީޑިއާތަކަށް މި އެހީއަށް އެދުމުގެ ފުރުސަތު ލިބޭނެއެވެ. މި ބަދަލާއެކު، ކުރިން ޝަރުތު ހަމަވި 18 މީޑިއާގެ ބަދަލުގައި، ގާތްގަނޑަކަށް 60 މީޑިއާއަކަށް ދައުލަތުގެ އެހީ ލިބޭނެކަމަށް ލަފާކުރެވޭކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
އައު އުސޫލުގައި ފައިސާ ދޭނެ އަދަދު ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މީޑިއާ ހައުސްތައް ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ބަލައި މާކްސް ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ ތެރޭގައި އިދާރީ މަސައްކަތްތައް ހަރުދަނާ ކުރުމާއި، އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ އިތުރުން ޕަބްލިކް ސާވިސް ކޮންޓެންޓް ނުވަތަ އާންމު ހޭލުންތެރިކަމުގެ ދާއިރާ ފުޅާކުރަން ކުރާ މަސައްކަތްތައް ހިމެނެއެވެ. މިއިން ކޮންމެ ދާއިރާއަކުން ފަސް މާކްސް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ކުރިން ގެޒެޓްކުރި އުސޫލާއި ޚިލާފަށް އައު އުސޫލުގައި ފައިސާ ދޫކުރުމުގައިވެސް ވަނީ ލުއިތަކެއް ދީފައެވެ. ކުރީގެ އުސޫލުގައި ތިން ފަހަރެއްގެ މަތިން ފައިސާ ދޫކުރާ ގޮތަށް އޮތް ނަމަވެސް، އާ އުސޫލުގެ ދަށުން އެހީ ލިބޭ މީޑިއާތަކަށް ކަނޑައަޅާ ފައިސާ ދޫކުރާނީ އެއްކޮށެވެ. މީގެ އިތުރުން، އެ މީޑިއާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށް ބަލައިގެން މާކްސް ދިނުމަށްވެސް އައު އުސޫލުގައި ވަނީ ހިމަނާފައެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 27 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ 0.1 އިންސައްތައެވެ. މި އެހީގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، މީޑިއާތަކުގެ ހިންގުން ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މާލީ އެހީގެ ގޮތުގައި ފައިސާ ދޫކުރާނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުންނެވެ. މި އުސޫލަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިއުކުރި ތާރީހުން ފެށިގެންނެވެ.
މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރަށް ވާއިރު ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކޮންމެ އަހަރަކު މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ. މިފަދަ އެހީއެއް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. އަދި އުފެއްދުންތެރި ކޮންޓެންޓް ނުވަތަ ރިޕޯޓާއި ޚަބަރު ފަތުރައި، ނޫސްވެރިކަމުގެ ދާއިރާއަކީ ޒިންމާދާރު ކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުޞަތުތައްވެސް ފަހިވެގެންދާނެ ދާއިރާއަކަށް ނުވަތަ އިންޑަސްޓްރީއަކަށް ހެދުމަކީވެސް މިފަދަ އެހީއެއް ފޯރުކޮށްދިނުމުގެ މަޤުސަދެކެވެ.