ޚަބަރު

ފޮއްޓަކުން ފެނުނު 13 އަހަރު ކުއްޖާގެ މަރު: 17 އަހަަރުގެ ކުއްޖާ ޖަލަށް


  • މިކުއްޖާގެ ހަށިގަނޑު ފެނުނީ 2021 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައި

  • މައްސަލާގައި ދަޢުވާ ލިބޭ އިބްރާހީމް ޒިހާނުގެ މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައި

ހުޅުމާލެ ފޭސް 2ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖު ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނުނު މައްސަލާގައި، ކުއްޖާ މަރާލިކަމަށް ތުހުމަތު ކުރާ 17 އަހަރުގެ ކުޑަކުއްޖާ ޖަލަށްލާން ޙުކުމްކޮށްފިއެވެ.

ޖުވެނައިލް ކޯޓަށް ކުރި ދަޢުވާތައް ސާބިތުވާ ކަމަށް އެކޯޓުން ޙުކުމްކޮށްފައިވަނީ، މިމަހުގެ 23ވަނަ ދުވަހުއެވެ.

ހުޅުމާލެ ފޭސް 2ގެ ފަޅުތެރޭ މޫދުގައި އޮތް ލަގެޖް ފޮއްޓެއްގެ ތެރެއިން 13 އަހަރުގެ ކުޑަކުއްޖެއްގެ ހަށިގަނޑު ފެނިފައިވަނީ، 2021 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.

މި މައްސަލާގައި ކުއްޖާ މަރާލިކަމަށް ތުހުމަތު ކުރެވުނު 17 އަހަރުގެ ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓަށް ހުށަހެޅި، ޤަޞްދުގައި މީހަކު މެރުމާއި، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދަޢުވާތައް ސާބިތުވާ ކަމަށް އެކޯޓުން މިމަހުގެ 23 ވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.

އެގޮތުން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 16 އަހަރާ 10 މަހާއި، 7 ދުވަހަށް ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒެއްގައި ބަންދު ކުރުމަށް އަމުރުކޮށް، ޙުކުމް ކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި 4 އަހަރާއި، 6 މަހާއި 2 ދުވަސް އުނިކުރުމުން ތަންފީޛު ކުރަންޖެހޭ މުއްދަތަކީ، 12 އަހަރާ 4 މަހާއި، 5 ދުވަސް ކަމުގައި ކަނޑައަޅައި ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން 2 މަސް ދުވަހު ރޯދަ ހިފުމަށް ވަނީ އަމުރުކުރައްވާފައެވެ.

މީގެއިތުރުން، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ކުށުގެ އަދަބެއްގެ ގޮތުން 11 މަހާއި 9 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދު ކުރުމަށް އަމުރުކުރައްވާފައިވާއިރު، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން 18 ދުވަހަށް ޖުވެނައިލް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރުމަށް ވަނީ އަމުރުކުރައްވާފައެވެ.

މި މައްސަލާގައި ދަޢުވާ ލިބޭ އިބްރާހީމް ޒިހާނުގެ މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށްދާ ކަމަށާއި، މައްސަލަ އޮތީ ހެކިބަސް ނެގުމުގެ މަރުޙަލާގައި ކަމަށް އެކޯޓުން ވިދާޅުވެއެވެ.