ޚަބަރު

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ދަފުތަރެއް އެކުލަވާލަނީ


  • މިއީ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއް

  • ވަޒީފާ ބޭނުންވާ ބިދޭސީންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތްކުރެވޭނެ

ބިދޭސީން ޤާނޫނުގެ ތެރެއަށް ވެއްދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ދަފުތަރެއް އެކުލަވާލުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ތެރެއިން ހުއްދައެއް ނެތި، ނުވަތަ ހުއްދައެއް އޮތްނަމަވެސް ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީން ނުވަތަ ކާކުކަން އަންގައިދޭ ޞައްޙަ ލިޔުމެއް ނެތި އުޅޭ ބިދޭސީންނަށް އަމާޒުކޮށް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން އޮޕަރޭޝަން ކުރަނގީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ ދަށުން ވަޒީފާ ބޭނުންވާ ބިދޭސީންގެ ޖޮބް މެޗިންގ މަސައްކަތްތައް އެ ވުޒާރާއިން ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެ މިނިސްޓްރީއިން ހުޅުވާލި މުއްދަތުގެ ތެރޭގައި ބައޯމެޓްރިކްސް އަޕްޑޭޓް ކޮށްފައިވާ ބިދޭސީންގެ ތެރެއިން ވަޒީފާދޭނެ ފަރާތެއްނެތް ބިދޭސީން ފޯމު ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއިން ވަނީ އެދިފައެވެ. އަދި މި އެކުލަވާލެވޭ ދަފްތަރުގެ ތެރެއިން ވަޒީފާއަށް ބިދޭސީން ބޭނުންވާ ކަމުގައި ވަނީނަމަ، އެ އިންތިޒާމްތައް މިނިސްޓްރީއިން ހަމަޖެހިގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށްޓަކައި ކުރިއަށްގެންދާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު ފެށުމަށްވެސް ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވުޒާރާއިން މިހާރު ވަނީ ތައްޔާރުވެފައެވެ. މިމަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށެވެ. މި މަރުހަލާގައި ރަސްމީ ގޮތުން ހަވާލުވާނެ ބިދޭސީން ނެތް މީހުންނާއި ފިލައިގެން އުޅޭ ބިދޭސީންގެ ސައްޙަ ވޯރކް ޕާމިޓް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.