ޚަބަރު

ވަރުގަދަ ޓީމެއް ބަލިކޮށްލެވުމަކީ ލިބުނު ހިތްހަމަޖެހުމެއް: ވިކްޓަރީގެ ކޯޗު


ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބު ފަދަ ވަރުގަދަ ޓީމެއްގެ އަތުން މޮޅުވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު ޖޯޖްލީ ގެރީ ބުނެފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ފަހަތުން އަރައި ނިއު ބަލިކޮށް ވިކްޓްރީއިން ތާވަލުގެ ފަސް ވަނައަށް ޖެހިލި މެޗަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ސްލޮވާކިއާގެ ތަޖުރިބާކާރު ކޯޗު ބުނީ ވަރުގަދަ ޓީމަކާއި ވާދަކޮށް ކާމިޔާބު ލިބުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. މުޅި މެޗުގައިވެސް ވިކްޓަރީއިން ދެއްކި ކުޅުން ރަނގަޅުކަމަށާއި ކުޅުންތެރިން ކުރި މަސައްކަތާމެދު ފަޚުރުވެރިވާކަމަށް އޭނާ ބުންޏެވެ.

"ވަރަށް ހިތްހަމަޖެހިއްޖެ މެޗު ކާމިޔާބު ކުރެވުމުން. ނިއުރޭޑިއަންޓަކީ ވަރަށް ވަރުގަދަ މޮޅު ޓީމެއް. ވަރަށް ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދާއެކު ކުޅެމުންދާ ޓީމެއްވެސްމެ. އެހެންނަމަވެސް ވިކްޓަރީއިން މިމެޗުގަ ވަރަށް ވަރުގަދަ ފައިޓެއް ދީފި. އަހަންނަށް ގަބޫލުކުރެވެނީ ޓީމުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއްކަމަށް" ގެރީ ބުންޏެވެ.

ގެރީ ބުނީ ވިކްޓަރީއިން ހޯދި ތިން ޕޮއިންޓު ވަރަށް މުހިންމުކަމަށެވެ. އޭނާ އަބަދުވެސް ބުނާ ފަދައިން މެޗު ކާމިޔާބުކުރުމަށް މެންޓަލީ ތައްޔާރުވުން ޖެހޭކަމަށާއި އަދި ދެ މެޗަކުން މޮޅުވިކަމަށްވިޔަސް އިތުރަށް ހިތްވަރުކޮށް ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތްކުރާނެކަމަށް އޭނާ ބުންޏެވެ.

"އަހަރުމެން މި ތިން ޕޮއިންޓު ވަރަށް މުހިންމު. ކުރިން އަބަދުވެސް ދައްކާ ވާހަކައަކީ މެޗުތައް ކާމިޔާބުކުރުމަށް މެންޓަލީ ތައްޔާރުވާންޖެހޭ ވާހަކަ. ދެތިން މެޗުން މޮޅުވިޔަސް އަދި ކަމަކު ނުދާނެ. ކުރިއަށް ހުރި މެޗުތަކާއި މެދުވެސް ވިސްނަންޖެހޭ އެބަ" ތަޖުރިބާކާރު ބިދޭސީ ކޯޗު ބުންޏެވެ.

ކޯޗު ބުނީ މިމެޗުން ލިބުނު މޮޅަކީ ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާ ރަނގަޅުކުރުމަށް ކުޅުންތެރިންނަށް ލިބޭ ހިތްވަރަކަށްވާނެކަމަށް ދެކޭ ކަމަށެވެ. އެހެންކަމުން ތާވަލުގެ އެންމެ ގަދަކޮށް ތިބި ހަތަރު ޓީމާއި ވާދަކޮށް މެޗުތައް ނެގުމަކީ މިހާރު ދެކެމުންދާ ހުވަފެނެއްކަމަށް އޭނާ ބުންޏެވެ. ޓީމު އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްފި ނަމަ އެއީ ކުރެވިދާނެކަމެއްކަމަށާއި މިހާރުވެސް ޓީމުން ދައްކުވައިދެނީ އެމަންޒަރުކަމަށް އޭނާ ބުނެފަވެއެވެ.

"ތާވަލުގެ ގަދަ ހަތަރެއް ބަލި ކުރުމަކީ ކުރާ އުންމީދެއް. ވިންޓަރީގެ ކުޅުން ރަނގަޅުކޮށްފި. މިއީ އެންމެ ކުޅުންތެރިއެއްގެ މަސައްކަތެއް ނޫން. މިއީ މުޅި ޓީމުގެ މަސައްކަތް" ކޯޗު ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ވިކްޓަރީއިން ދެން ނުކުންނާނީ ހުކުރުދުވަހު ހަވީރު ކުލަބު ގްރީން ސްޓްރީޓްސްއާއި ވާދަކުރުމަށެވެ. ގްރީން ސްޓްރީޓްސް މިވަގުތު އޮތީ ވިކްޓަރީއަށްވުރެ ދެ ދަރަޖަ ފަހަތުން 8 ޕޮއިންޓާއެކު ތާވަލުގެ 7 ވަނައިގައެވެ.