ޚަބަރު

ޤައުމު ކުރިއެރުވުމުގައި އެންމެ މުހިއްމު ބައިވެރިންނަކީ ޒުވާނުން: ރައީސް


  • ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓު ނަމުގައި ހާއްސަ ފޯރަމެއް

  • ޒުވާނުންގެ ހިޔާލުތައް ހުށަހެޅުމަށް ފުރުސަތު ފުޅާ ދާއިރާއެއްގައި ހުޅުވާލެވިފައި

މުސްތަޤްބަލު އުޖާލާ ކުރެވޭނީ ޒުވާނުންގެ އަޑު މިއަދު އަހައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިހެން ވިދާޅުވީ ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހުށަހެޅުމަށް ބޭއްވި "ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓު" ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

"ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓު" ފޯރަމް ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންނަކީ ޤައުމު ކުރިއެރުވުމުގައި އެންމެ މުހިއްމު ބައިވެރިންކަމަށެވެ. އަދި މުސްތަޤްބަލު އުޖާލާ ކުރެވޭނީ މިއަދު ޒުވާނުންގެ އަޑު އަހައިގެން، އެއީ އެމަނިކުފާނު ގަބޫލުކުރާ ހަަމަކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކޮންމެ ވާޙަކައަކީވެސް އަޅުގަނޑަށް މުހިއްމުވާނެ ވާހަކައެއް. ޒުވާނުންނާއި ބައްދަލުވާތީ ވަރަށް އުފާކުރަން" ރައީސް ވިދާޅުވިއެވެ.

"ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓު" ފޯރަމް ފެށުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުން ބޭނުންވާ ކަންކަން ފުޅާ ދާއިރާއެއްގައި ހިއްސާކުރެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މި ފޯރަމްގެ ތެރެއިން ޒުވާނުން ބޭނުންވާ ހިޔާލާއި އެކި ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، ފޯރަމްގެ ތެރެއިން ޒުވާނުން ހުށަހަޅާ ކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާނެއެވެ.