ކުޅިވަރު

ގޮންޖެހުންތަކާއެކުވެސް ހޭންޑްބޯޅަ ޓީމުން ހޯދި ކާމިޔާބީ ގިނަ: މުޖްތަބާ


ގޮންޖެހުންތަކާއެކުވެސް ޤައުމީހޭންޑްބޯޅަ ޓީމުން ހޯދި ކާމިޔާބީ ގިނަކަމަށާއި، ކައިރި މުސްތަގުބަލެއްގައި ހޭންޑްބޯޅައިން ރަނގަޅު ވަނަތަކެއް ގައުމަށް ގެނެސްދޭނެކަމަށް އުންމީދުކުރައްވާކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙުމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.

ހޭންޑްބޯޅައިން މިއަހަރު ހޯދުނު ކާމިޔާބީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މުޖުތަބާ ވިދާޅުވީ ގިނަ ގޮންޖެހުންތަކާއެކުވެސް ހޭންޑްބޯޅައިން މިއަހަރު ހޯދުނު ކާމިޔާބީ ގިނަކަމަށެވެ. ކޮންމެ ކާމިޔާބީއަކީ ތަށްޓެއް ލިބުން ނޫންކަމަށާއި ޓީމުން ކުރިއަށް އެޅި ކޮންމެ ފިޔަވަޅަކީ ކާމިޔާބީގެ ތެރޭގައި ހިމެނޭނެ ކަންކަންކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިއަހަރުގެ މޭމަހު އޮމާންގެ ވެރިރަށް މަސްކަޓުގައި ކުރިއަށްދާ 10 ވަނަ އޭޝިއަން މެންސް ޗެމްޕިއަންޝިޕުގައި ޤައުމީ ހޭންޑްބޯޅަ ޓީމުން ދެއްކި ކުޅުމަށް ތައުރީފުކުރައްވަމުން މުޖުތަބާ ވިދާޅުވީ އެމުބާރާތުގައި ވާދަކޮށް ޓީމުން ދެއްކީ މޮޅު ކުޅުމެއްކަމަށެވެ. މުޅިން އަލަށް އެފަދަ މުބާރާތެއްގައި ވާދަކޮށް ނުވަ ހަތްވަނަ ލިބުމަކީ ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމަކުން ހޯދި ބޮޑު ކާމިޔާބީއެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.

"ވަރަށް ކާމިޔާބު މުބާރާތަކަށް ވެގެންދިޔައީ. ރާއްޖެ އަލަށް ބައިވެރިވެ ނުވަ ޓީމު ތެރެއިން ހަތްވަނައަށް ތާއްޖެ ދިއުން އެއީ ވަރަށް ބޮޑު ކާމިޔާބީއެއް. އަޅުގަނޑުމެންނަށް ހޮންގކޮންގ ބަލިކުރެވުނު، އިންޑިއާ ބަލިކުރެވުނު. އަނެއްކޮޅުން ސެޓު ވަރަށް އެއް ޕޮއިންޓު، ދެ ޕޮއިންޓުގެ ތަފަތާކުން ސައުދީ އަރަބިޔާ މޮޅުވެގެން ދިޔައީ" މުޖުތަބާ ވިދާޅުވިއެވެ.

މުޅިން އަލަށް މިމުބާރާތުގައި ވާދަކޮށް ރާއްޖެއިން ދެއްކި ކުޅުމުން ދައްކުވައިދިނީ އުންމީދީ މަންޒަރެއްކަމަށް ހާމަކުރައްވަމުން މުޖުތަބާ ވިދާޅުވީ މިކުޅިވަރުން ކައިރި މުސްތަގުބަލެއްގައި ރަނގަޅު ނަތީޖާތަކެއް ހޯދާ އުފާވެރިކަން ލިބޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ.

"ވަރަށް ކައިރި މުސްތަގުބަލެއްގަ މީގެ ނަތީޖާއާއި މީގެ އުފާވެރިކަން ގައިމުވާނެކަމުގެ ޔަގީންކަމެއް އަޅުގަނޑުމެންނަށް ލިބިގެން ދިޔަ" މުޖުތަބާ ވިދާޅުވެފަވެއެވެ.

މުޖުތަބާ ވިދާޅުވީ ބީޗު ހޭންޑްބޯޅައަކީވެސް ރާއްޖެއަށް ކުރިއެރުންތަކެއް ހޯދިދާނެ ކުޅިވަރެއްކަމަށް ގަބޫލުކުރައްވާކަމަށެވެ. އެގޮތުން ރާއްޖެއަކީ މިފަދަ މުބާރާތްތައް ބޭއްވުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލްކަމަށް އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނުގެ ޖެނެރަލް ސެކްރެޓެރީވެސް ފާހަގަކުރެއްވިކަމަށެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ކޮމަންވެލްތު ބީޗު ހޭންޑްބޯޅަ މުބާރާތަކީވެސް ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެއްކަމަށް މުޖުތަބާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބޭފުޅުންގެ ރިޕޯޓުން ފާހަގަކުރެވުނު ރާއްޖެއަކީ ބީޗް ހޭންޑްބޯޅައިގެ ވަރަށް ރަނގަޅު މަންޒިލެއްކަން. ދެން ސަރުކާރާއި ގުޅިގެން ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕު މި ބޭއްވުނީ. އެމުބާރާތްވެގެން ދިޔައީ ރާއްޖެއަށް މިކަމުގެ ވަރަށް ކާމިޔާބު ކަމަކަށް" މުޖުތަބާ ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ މުބާރާތްތަކުގެ އިތުރުން މިއަހަރަކީ ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް ގިނަ އަދަދެއްގެ ހޭންޑްބޯޅަ މުބާރާތްތައް ބޭއްވި އަހަރެއްކަމަށް މުޖުތަބާ ފާހަގަކުރެއްވިއެވެ. އެގޮތުން ކުލަބު ޖަމިއްޔާތަކުން އިސްނަގައިގެން ބީޗު ހޭންޑްބޯޅަ ކުރިއަރުވަން އެކުރައްވާ މަސައްކަތުގެ އަގުވަޒަންކުރައްވާކަމަށާއި އެކުލަބުތަކަށް ޚާއްސަ ޝުކުރެއް އަދާކުރައްވާކަމަށް މުޖުތަބާ ވަނީ ވިދާޅުވެފަވެއެވެ.

"އަޅުގަނޑުމެންގެ ކުލަބުތަކުން ވަރަށް މަސައްކަތުން ވަރަށް ގިނަ ބީޗް ހޭންޑްބޯޅަ މުބާރާތްތަކެއް ނިންމި. ކުލަ ގަދަ މުބާރާތްތަކެއް ނިންމައިގެން ދިޔަކަމަށްޓަކައި އަޅުގަނޑު އެކުލަބުތަކަށް ހަމަ ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން" މުޖުތަބާ ވިދާޅުވިއެވެ.

3 ވަނަ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކޮށް ހޭންޑްބޯޅަ ޓީމުން ދެއްކި ކުޅުމަކީވެސް މިކުޅިވަރުގެ މިއަހަރުގެ ކާމިޔާބީއަށް އިތުރުވާނެ މުހިންމު ބޮޅެއްކަމަށް މުޖުތަބާ ފާހަގަކުރެއްވިއެވެ. އެމުބާރާތުގައި ރާއްޖެއިން ދެއްކި ކުޅުމަށް އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަނުގެ ތައުރީފުވެސް އޮހުނުކަމަށާއި ވަސީލަތްތައް ނެތް ތަނަކުން ހޯދާ ކުރިއެރުންތަކާމެދު އެބޭފުޅުންވެސް ތިއްބެވީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައިކަމަށް މުޖުތަބާ ވަނީ ވިދާޅުވެފައެވެ.