ޚަބަރު

ޒުވާނުންގެ ޤައުމީ ކޮންފަރެންސް 93 ބައިވެރިންނާއެކު ފަށައިފި


  • މިކޮންފަރެންސްގައި 6 މަޢުޟޫއަކަށް ބަހާލައިގެން މަސައްކަތު ބައްދަލުވުންތައް ބާއްވާނެ

ގިނަ ދާއިރާތަކަކުން ޒުވާނުން ހިމަނައިގެން ބާއްވާ ޒުވާނުންގެ ޤައުމީ ކޮންފަރެންސް ފަށައިފިއެވެ.

މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދާއި އެވުޒާރާގެ އިސްވެރިންނާއި ޔޫތު އެޑްވައިޒަރީ ބޯޑުގެ މެމްބަރުން ބައިވެރިވިއެވެ.

"ނޭޝަނަލް ޔޫތު ކޮންފެރެންސް" ނުވަތަ ޒުވާނުންގެ ޤައުމީ ކޮންފަރެންސަކީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި، ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާ ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

ދެ ދުވަހުގެ މުއްދަތައް މާލޭގައި ޔޫތު ހަބްގައި ކުރިއަށްދާ މިކޮންފަރެންސްގައި އެކި ދާއިރާތަކުން 93 ޒުވާނުން ބައިވެރިވެއެވެ. މިއަހަރުގެ މިކޮންފަރެންސްގެ އަމާޒަކީ، ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމާއި، ޒުވާނުންގެ ޤައުމީ ސިޔާސަތެއް އެކުލަވާލުން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުންވެސް ޒުވާނުންގެ ޚިޔާލާއި، މަޝްވަރާ ހޯދުމާއި، ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުމަކީވެސް މިކޮންފަރެންސްގެ ބޭނުމެއް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މިކޮންފަރެންސްގައި ޖުމްލަ 6 މަޢުޟޫއަކަށް ބަހާލައިގެން މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ, ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ޒުވާނުން ބާރުވެރިކޮށް، ކުރިއެރުވުމަށް މިސަރުކާރުން އަންނަނީ ތަފާތު މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތައް ހިންގުމަށާއި، ޒުވާނުންނަށް ޚާއްސަ ކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމު ކުރުމަށާއި، ދުޅަހެޔޮ ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާޙައުލެއް ޤާއިމުކުރުމުގެ އިތުރުން ދިމާވާ ތަފާތު މައްސަލަތަކުގައި ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލްބީންގ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ދިނުމަށް "ޒުވާނުންގެ ވެހި" ވަނީ ހުޅުވާފައެވެ.