ޚަބަރު

ފްލެޓުތަކުގެ ކުއްޔަށް ލުއި ދިނީ ދައުލަތަށް ގެއްލުން ނުވާނެގޮތަށް: ރައީސް


  • ދައުލަތުގެ މާލިއްޔަތަށް ގެއްލުންވާނެގޮތަށް އެއްވެސް ކަމެއް ނުކުރާނެކަމަށް ރައީސް ވިދާޅުވި

  • ފްލެޓް ދިނުމުގައި ސިޔާސީ ފިކުރަކަށް ނުބައްލަވާނެކަމަށް ވިދާޅުވި

ސޯޝަލް ހައުސިންގެ ތެރެއިން ދޫކޮށްފައިވާ ފުލެޓުތަކުގެ ކުއްޔާއި ޖޫރިމަނާއަށް ލުއި ގޮތްތައް ހަމަޖައްސައިދެނީ ދައުލަތަށްގެއްލުން ނުވާނެގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މަޢާފްކޮށްދިނުމުގެ އިތުރުން، އެފްޑީސީގެ ފްލެޓްތަކުގެ ކުލި ކުޑަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުން މިގޮތަށް ނިންމަވާފައިވަނީ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ދަތިތައް ދިމާވެފައިވާ މީހުންނަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުނެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފުލެޓުތަކުގެ ކުލި މައާފުކުރަމުންދަނީ އެއްވެސް ވަރަކަށް ބެލުމެއް ނެތިކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންނަމަވެސް އެއީ ހަޤީގަތެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން ކުރާ ކޮންމެ ކަމެއް ކުރަނީ ރައްޔިތުންގެ ހާލަތާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި ރަނގަޅަށް ދިރާސާކޮށްފައިކަމަށެވެ. އަދި އިޤްތިސޯދައް ގެއްލުންވާގޮތަށް ނުވަތަ ދައުލަތަށް ގެއްލުންވާނޭގޮތަށް އެއްވެސްކަމެއް ނުކުރައްވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުއްޔަށް ލުއިދިނުންފަދަ ކަންކަން ކުރަނީ ދައުލަތަށާއި ރައްޔިތުންނަށް އޭގެ މާލީ ބުރަ ބޮޑުނުވާނޭގޮތަށްކަމަށެވެ.

"އިޤްތިސޯދަށް ގެއްލުންވާ ގޮތަކަށް އެއްވެސް ކަމެއް ނުނިންމަން. ސަރުކާރުން ބޭރުގެ ދަރަނި އެތެރޭގެ ދަރަނި ދެއްކުމަށް އޮންނަ ޕްލޭންއާއި އެއްގޮތައް އެކަން ކުރުމަށް ހުރަސް އެޅޭ ގޮތަކަށް އެއްވެސް ލުޔެއް އަދި ޖޫރިމަނާ މާފްކޮށްފައިނުވާނެ" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސިޔާސީ ފިކުރަށް ބަލައިގެން ފްލެޓްދޭކަމަށް ބުނެ ދައްކާ ވާހަކަތަކަށްވެސް އިޝާރާތްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ފިކުރަށް ބައްލަވައިގެން އެއްވެސް މީހަކަށް ފްލެޓް ދީފައި ނުވަތަ ނުދިނުމަށްވެސް ނިންމަވާފައި ނޯންނާނެކަމަށެވެ. އަދި އޮންނަ އުސޫލުތަކުގެ ތެރެއިން ނޫން ގޮތަކަށް އެއްވެސް މީހަކަށް ފްލެޓް ދީފައި ނޯންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ދޭ ޔަގީންކަމަކީ ޤާނޫނާއި ޤަވައިދާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު އިންސާފުވެރިކަމާއެކު ކަންކަން އަބަދުވެސް ކޮށްދެއްވާނެކަމަށެވެ.