މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފިއެވެ.
މި ފެސިލިޓީ ހުޅުވުމަށް ފުވައްމުލަކުގައި ބޭއްވި ހާއްސަ ރައްމިއްޔާތުގައި ފެސިލިޓީ ހުޅުވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބުއެވެ.
މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރާއި ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާތިފް ޝަކޫރާއި ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު އިބްރާހީމް ހުސައިނާއި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގާއި ކައުންސިލް މެންބަރުންނާއި ފުވައްމުލަކު މަސްވެރިން ބައިވެރިވިއެވެ.
ސިއްހީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ހިދުމަތްދެވޭގޮތަށް ގާއިމުކޮށްފައިވާ މި ފެސިލިޓީއަށް އެމްއެފްޑީއޭ އިން މިހާރު ވަނީ ހުއްދަވެސް ދީފައެވެ. މިފްކޯއިން ވިދާޅުވީ މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެކަމަށެވެ.
މީގެއިތުރުން މިދިޔަ އޮގަސްޓު މަހުން ފެށިގެން މިފްކޯއިން ވަނީ ފުވައްމުލައް ސިޓީ އިން މަސް ގަންނަން ފަށާފައެވެ. މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށާފައިވާއިރު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސީދާ އައްޑޫއަތޮޅުން މަސް އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިފްކޯއިން ވިދާޅުވެ.
މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި އަންނަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިފްކޯއިން ވަނީ ކޮށްފައެވެ.