އަދަބިއްޔާތަކީ ޤައުމެއްގެ ތަރިކައިގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބަހާއެއް ކަމަށާއި، ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމަކީ ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން ބޭނުންވާނެ އަސާސީ ދެ ހުނަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ، އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އަދަބިއްޔާތަކީ ޤައުމެއްގެ ތަރިކައިގައި ހިމެނޭ މުހިއްމު ބަހާއެއް ކަމަށާއި، ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމަކީ, ޤައުމެއް ކުރިއެރުވުމަށް ކޮންމެހެން މުހިއްމު ދެ އަސާސީ ހުނަރު ކަމަށެވެ. ޤައުމެއްގެ ތަރިކައަށް އިޚުތިރާމް ކުރަންޖެހޭކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، އޭގެ ސަބަބުން އެބައެއްގެ ފިކުރާއި ޚިޔާލުތައް ފުންވެ އުފެއްދުންތެރި އަޚުލާޤު ރަނގަޅު ބަޔަކަށްވެ ހަމަޖެހުމާއި ތަރައްޤީ ހާސިލްވާނެ ކަމަށެވެ.
ދިވެހި ތަރިކައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ޤައުމަށް ޢިލްމީ އަޚުލާޤީ ސަޤާފީ ބަދަލެއް ގެނައުމަށް ކުރާ މަސައްކަތް ކަމަށެވެ.
" ވީމާ ދިވެހި ތަރިކައިގެ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުމަށް އަޅުގަނޑުމެން މި ދަނީ މަސައްކަތްކުރަމުން. މި ކަމަށްޓަކާއި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ޚިދުމަތްތަކަށް ވަކި ވުޒާރާއެއް އުފެއްދީ. މި ކަމަށްޓަކައި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއް އުފެއްދީ. މި ކަމަށްޓަކައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފެއްދީ. މި ކަމަށްޓަކައި ދިވެހި ބަހުގެ އެކަޑެމީ ފަދަ، ދިވެހި ޤައުމީ ދާރުލްއާސާރު ފަދަ ގުޅުން ހުރި މުއައްސަސާތަކުގެ ޚިދުމަތް ދިނުމުގައި، ވުޒާރާއާ އެކީ، އެއްކުޑައެއްގެ ދަށަށް ގެނެވުނީ. އެއީ ދިވެހި ތަރިކައިގެ ދާއިރާ ވަކި އެއް ދާއިރާއެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި. ދިވެހި ޤައުމަށް މިގޮތުން ޢިލްމީ އަދަބީ އަޚްލާޤީ އަދި ސަޤާފީ އިންޤިލާބީ ބަދަލެއް ގެނައުމަށް އަޅުގަނޑު ބޭނުންވާތީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ދިވެހި ބަސް އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމަށް ބަލާއިރު ކުޑަކުދިންނަށާއި ޒުވާނުންނަށް އަދި އެހެން މީހުންނަށްވެސް ދިވެހި ފޮތް ބޭނުންވާ ކަމަށެވެ. ނަމަވެސް ލިޔުންތެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމުގެ ތެރޭގައި ފޮތް ޗާޕް ކުރުމުގެ ޚަރަދު ބޮޑުވުމުގެ ކަންބޮޑުވުން އޮތްކަމަށާއި، އެ މައްސަލައަށް ޙައްލެއް ގެނައުމުގެ ގޮތުން އަދި ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުކޮށްދިނުމަށްޓަކައި ފޮތް ލިިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕްކުރުމަށްޓަކައި ޚާއްސަ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ދިވެހި ބަހާއި ތަރިކައާއި ތާރީޚު އަދުގެ ކުދިންނަށް އަންގައިދިނުމަށްޓަކައި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެގޮތުން ދުނިޔޭގެ އެހެން ބަސްތައް ދަސްކޮށްދިނުމަށް އައު ގޮތްތައް އުފައްދަމުން ދިޔަނަމަވެސް ރާއްޖޭގައި އެފަދަ ކަންކަން މަދުކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ރާއްޖޭގައި ކުޑަކުދިން ބަލާނެ ކާޓުނު ފިލްމު، ޤައުމީ އެކި ހާދިސާތަކުގެ ފިލްމު ނެތުން އެއީ ބައެއް ބޭފުޅުން ފާހަގަކުރާ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން އަންނަ އަހަރު ބޮޑެތި ޢިނާމްތަކާއެކު ދިވެހި ބަހާ ސަޤާފަތާއި ތާރީޚު އަދި ތަރިކައިގެ ދާއިރާތަކުން ކުދި ފިލްމުތަކެއް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ޚާއްސަކޮށް ރާއްޖެއިން ބޭރުގައި އުޅޭ ދިވެހި އާޢިލާތަކާއި، ރާއްޖޭގައިވެސް އުޅޭ ބެލެނިވެރިން އޮފީހުގައި ގިނަވަގުތު ހޭދަކުރަންޖެހޭ ވަގުތުތަކުގައި ކުޑަކުދިންނަށް ފައިދާ ހުރި ވަގުތުތަކަށް ބަދަލުކޮށްލަން ބެލެނިވެރިން ބޭނުންވޭ. އެފަދަ ވަގުތުތަކުގައިވެސް ކުޑަކުދިންނަށް ދައްކާލެވޭނެ ވީޑިއޯ ނުވަތަ ގޭމް ފަދަ ތަކެތި ނެތްކަމުގެ ކަންބޮޑުވުން ބެލެނިވެރިން ފާހަގަކުރޭ. ބޭނުންވަނީ ޤަައުމީ އުދާސްތަކަށް ހައްލެއް ގެނައުން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ، އަންނަ އަހަރުން ފެށިގެން ދިވެހި ތާނައިގެ އަތުލިޔުމުގެ މުބާރާތަކީ ޤައުމީ ފެންވަރުގައި ވަޒަން ކުރެވޭ ޤައުމީ މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވާފައެވެ. ރައީސް ވަނީ، އަދަބީ އެކި މުބާރާތްތަކުން ވަނަތައް ހާސިލް ކުރުމާއެކު އެ ހުނަރުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޢިލްތިމާސްކުރައްވާފައެވެ. އެގޮތުން ކޮންމެ ކުއްޖަކުވެސް އަދަބީ ޤާބިލުކަން ދިވެހި ޤައުމާ އެއްކޮޅަށް ބޭނުން ކުރުމަށް ރައީސް ޢިލްތިމާސްކުރެއްވިއެވެ. އަދި ކޮންމެ ވާހަކަ އެއްވެސް ހަޤީޤަތާއި މަސްލަހަތައް ބެލުމަށްފަހު ލިޔުމާއި މަޢުލޫމާތު ފެތުރުމަށް ޢިލްތިމާސް ކުރެއްވިއެވެ.