ޚަބަރު

ޓީސީން މާޒިޔާގެ ރެކޯޑް ނިމުމަކަށް ގެނެސްފި


  • []

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ލީގުގައި ހުރިހާ މެޗަކުން މޮޅުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް ގެނެސްފިއެވެ. ލީގުގައި މިއަދު ހަވީރު މި ދެޓީމު ކުޅުނު މެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ.

މި ނަތީޖާ އެކު ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ވެސް މޮޅުވި މާޒިޔާ ފުރަތަމަ ފަހަރަށް ލީގުގައި މިވަނީ ޕޮއިންޓަކުން ފުއްދާލަންޖެހިފައެވެ. ލީގުގެ ދެވަނާއިގަ އޮތް އޮޑި ސްޕޯޓްސް ކުލަބަށް މިނަތީޖާ އެކު ފަރަގު ކުޑަކުރުމުގެ ފުރުސަތު މިހާރު އެބަ އޮތެވެ. ލީގުގައި ކުޅުނު 11 މެޗުން ހޯދި 31 ޕޮއިންޓާއެކު މާޒިޔާ އެއްވަނައިގަ އޮތްއިރު ދެވަނައިގަ އޮތް އޮޑި ސްޕޯޓްސް ކުލަބަށް 10 މެޗުން ވަނީ 25 ޕޮއިންޓް ލިބިފައެވެ.

މިމެޗަށް ނުކުތް އިރު އާއްމުކޮށް މާޒިޔާގެ ފުރަތަމަ އޭގަރައިން ފެންނަ އަހުމަދު އައިހަމް އާއި ސްޕެއިންގެ ފޯވާޑް ސާޖިއޯ މެންޑީ އިނީ ބެންޗުގައެވެ.

ރަސްމީ ބޯޅަދަނޑުގައި ކުޅުނު މެޗުގައި މާޒިޔާ ވަނީ މެޗުގެ ފުރަތަމަ ހާފުގައި ލަނޑުޖަހަން ގިނަ ފުރުސަތު ތަކެއް ތަނަވަސްކޮއްފައެވެ. މެޗުގެ 9 ވަނަ މިނިޓުގައި މާޒިޔާގެ މުހައްމަދު އިލާން އިމްރާން އޭރިއާ ބޭރުން ހިފައިގެން ދިޔަ ބޯޅައެއް އޭރިއާ ތެރެއިން ކުރިއަށް ޖެހި ޓީސީގެ ބިދޭސީ ކީޕަރު ވަނީ އެ ބޯޅަ މަތަކޮއްފައެވެ.

މެޗުގެ 16 ވަނަ މިނިޓުގައި ޓީސީގެ ޕްރިންސް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އެއް މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް ވަނީ ދިފާއުކޮއްފައެވެ. އަދި މެޗުގެ 24 ވަނަ މިނިޓުގައި އިލާން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއެއް ވެސް ކީޕަރު ވަނީ ދިފާއުކޮއްފައެވެ.
މީގެ އިތުރުން މި ހާފުގައި މާޒިޔާގެ ހަސަން ނަޒީމް އާއި ހަމްޒާ މުހައްމަދަށް ވެސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އިބްރާހިމް އައިސް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ދެވަނަ ހާފު ފަށައިގެން އެކަކު މަދުކޮށް ކުޅުނު މާޒިޔާ ކައިރީގަ ޓީސީ ވަނީ ވަރަށް ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. މާޒިޔާ އިން ލަނޑު ޖެހީ މެޗުގެ 57 ވަނަ މިނުޓުގައި ހަމްޒާ އޭރިއާ ތެރެއަށް ވަދެ ހުރަސްކޮއްލި ބޯޅަ އެއް އޭރިއާ ތެރޭގެ ހުރި ނާއިޒް ހަސަން ގޯލަށް ބޯޅަ ވައްދާލައިގެންނެވެ.

މާޒިޔާގެ ލަނޑަށް ފަހުވެސް ޓީސީން ރަނގަޅު ކުޅުމެއް ދެއްކި އިރު އެޓީމުގެ މުހައްމަދު އަޖުފާން މެޗުގެ ފަހު މިނިޓުގައި އޭރިއާ ފޮނުވާލި ބާރު ހަމަލާ މާޒިޔާ ކީޕަރު ވަނީ ދިފާއުކޮއްފައެވެ.

މެޗުން ޓީސީއަށް ޕޮއިންޓެއް ކަށަވަރުވީ އިތުރު ވަގުތުގައި އެޓީމުގެ ނައިޖީރިއާ ފޯވާޑް އިބްރާހިމް ޖިމޯ ގޯލަށް ފޮނުވާލި ބޯޅައެއް ކީޕަރު އަތުގައި ޖެހިފަ ނުކުތުމުން އަހުމަދު މާއިޝް ރަޝީދު ގޯލަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑުންނެވެ.

މި ދެޓީމު ފުރަތަމަ ބުރުގައި ވާދަކުރި މެޗު 3-0 މާޒިޔާ ވަނީ ކާމިޔާބުކޮއްފައެވެ. މިއީ ޓީސީން މި ލީގުގައި އެއްވަރުކުރި ތިންވަނަ މެޗެވެ.