ދަންވަރު މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަދަ ކަމެއް ހިނގާނަމަ އެކަންކަން ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ އެންގެވި އެންގެވުމާ އެއްގޮތަށް ކުރިއަށްގެންދިޔަ ފެށި މަސައްކަތުން ރޭ އެކަނިވެސް މާލެއިން 23 ބިދޭސީއަކު ހުއްޓުވައި ސުވާލުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ރާއްޖޭގައި އުޅޭ ބައެއް ބިދޭސީން ދަންވަރުގެ ވަގުތުތަކުގައި ޤާވާއިދާ ޚިލާފު ބައެއް ކަންކަން ކުރަމުންގެންދާތީ އެކަމުގެ ކަންބޮޑުވުން ލިބެމުންދިއުމާ ގުޅިގެން، ރޭގަނޑު 12 އިން ހެނދުނު 6 ޖެހުމާއި ހަމައަށް އާންމު ތަންތަނާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، އެމިހުންނާ ސުވާލުކުރުމުގެ މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވާފައެވެ.
މިކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ މާލެއާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ހަރަކާތްތެރިވާން ފަށާފައެވެ.
އެގޮތުން ބިދޭސީން ޗެކްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރޭ އެކަނިވެސް މާލެއިން 23 ބިދޭސީއަކު ހުއްޓުވައި ސުވާލުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.
ދިވެހި ފުލުހުންގ ޚިދުމަތުން ވިދާޅުވީ، މެންދަމުގެ ވަގުތުގައި އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފަށް މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރުމުގެ މަސައްކަތުގެ ތެރެއިން ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ގަވާއިދާ ޚިލާފަަށް ދިރިއުޅޭ ބިދޭސީންނާމެދު ގާނޫނާއި ގަވާއިދުގައިވާގޮތުގެ މަތިން ފިޔަވަޅު އެޅުމަށްޓަކައި، އެފަދަ ފަރާތްތައް އިމިގްރޭޝަނާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި ދަންވަރުގެ ވަގުތުތަކުގައި ބޭނުމެއްނެތި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވައި، މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ވަކިން ޚާއްސަކޮށް، މާލެއާއި ހުޅުމާލޭގެ އާންމު ތަންތަނުގައި ނިދާ ބިދޭސީންގެ ހާލަތު ބަލައި، އެފަރާތްތައް ރާއްޖޭގައި ދިރިއުޅެމުންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ވިދާޅުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ގަލޮޅުގެ ރައްޔިތުންނާއެކު އަންގާރަ ދުވަހުގެ ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ބައެއް ރައްޔިތުންވަނީ މާލޭގެ އެކި ހިސާބުތަކުން ރޭގަނޑުގެ ގަޑިތަކުގައި ބިދޭސީން އެއްވެ އުޅޭތަން ފެންނަކަމަށާއި އަދި އާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު ބައެއް ކަންކަން ހިންގަމުންދާކަން ފާހަގަވާކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. އަދި އެހެން ޤައުމުތަކުގައި ވަކި ގަޑިތަކެއްގެ ފަހުން ބޭރުގައި އުޅޭނަމަ އެޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން އެކަންކަން ބަލާކަންވެސް ބައެއް ރައްޔިތުންވަނީ ފާހަގަކޮށްފައެވެ.
ރައްޔިތުން ހުށައެޅި ޚިޔާލުތަކާއި ކަންބޮޑުވުން އަޑުއައްސަވާ ރައީސުލްޖުމްހޫރިއްޔާވަނީ މުޖުތަމަޢުގެ ހަމަޖެހުމާއި އާންމު އިޖުތިމާޢީ މިންގަނޑާއި ޚިލާފު އެފަދަ ކަންކަން ބިދޭސީންގެ ފަރާތުން ހިނގާތޯ ބެލުމަށާއި އަދި ވަކި ގަޑިއެއްގެ ފަހުން ބޭރުގައި އުޅޭ ބިދޭސީންނާއި ސުވާލުކޮށް އެކަންކަން ބެލުމަށް ކަމާބެހޭ މުވައްސަސާތަކަށް އަންގަވާފައެވެ.
ރައްޔިތުންނާއެކު ބާއްވަވާ އެކި ބައްދަލުވުންތަކުގައި ރައްޔިތުން ފާޅުކުރާ ކަންބޮޑުވުންތަކާއި ޚިޔާލުތަކަކީ ސަރުކާރުން ބަލައިގަންނަ އަދި އިޖާބަދެއްވާނެ ކަމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އެފަދަ ޚިޔާލުތަކަކީ ޤައުމު ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ކަށަވަރުވެގެންދާކަމެއްކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.