ޚަބަރު

ނޭޓޯގެ މެންބަރުކަމަށް ކުރި މަސައްކަތް ހުއްޓައިލަން ޔޫކްރެއިނުން ހުށަހަޅައިފި


އެމެރިކާއާއި ވިލާތުގެ ޤައުމުތަކުގެ ފަރާތުން ސަލާމަތީ ގެރެންޓީ ހޯދުމަށް، ޔޫކްރެއިނުން ހުޅަނގުގެ ދިފާޢީ އިއްތިޙާދު، ނޭޓޯގެ މެންބަރު ޤައުމަކަށް ވުމަށް ކުރަމުންދާ މަސައްކަތް މި ވަގުތަށް ހުއްޓައިލުމަށް އެ ޤައުމުން ހުށަހަޅައިފިއެވެ.

އެމެރިކާގެ ޚާއްޞަ މަންދޫބުންނާއެކު ކުރެއްވި މަޝްވަރާއެއްގައި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވަނީ އެ ޤައުމާއި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާ ގުޅޭ ޞުލްޙައިގެ މަޝްވަރާތައް ކުރިއެރުވުމަށް ނޭޓޯއަށް ވަނުން މަޑުޖައްސައިލުމަށް ހުށަހަޅައިފައެވެ. އޭގެ ބަދަލުގައި އެ ޤައުމުން އެދެނީ އެމެރިކާއާއި ވިލާތުގެ ޤައުމުތަކުން އެ ޤައުމަށް ސަލާމަތީ ގެރެންޓީ ފޯރުކޮށްދިނުމަށެވެ.

ނަމަވެސް ސަލާމަތީ އެނަލިސްޓުން ދެކޭ ގޮތުގައި ޔޫކްރެއިންގެ ހުށަހެޅުމަކީ ރަމްޒީ ހުށަހެޅުމެކެވެ. އަދި އެ ހުށަހެޅުމުގެ ސަބަބުން ޞުލްޙައިގެ ވާހަކަތަކަށް އެދެވޭ ކުރިއެރުމެއް ނުލިބޭނެއެވެ. އެއީ އެ ހުށަހެޅުމުގެ ސަބަބުން މި މައްސަލައިގައި ރަޝިޔާއިން ދެކޭ ގޮތަށް ބަލަދެއް އަންނާނެ ކަމަށް ނުބެލެވޭތީއެވެ. ޔޫކްރެއިނުން އެ ހުށަހެޅުން ހުށަހެޅުމުގެ ކުރިން ވެސް އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި އެ ނޫން ވެސް ސަބަބުތަކާ ހުރެ އަވަސް މުސްތަޤުބަލެއްގައި އެ ޤައުމަށް ނޭޓޯގެ މެންބަރަކަށް ނުވެވޭނެ ކަން ސާފު ކަމަށް އެ ބޭފުޅުން ދެކިވަޑައިގަންނަވައެވެ.