މިހާރު ކުރިއަށްދާ އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި އަންހެން ޑިވިޝަނުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތައް ސްޕޯޓްސް މިނިސްޓްރީ، ބީއެމްއެލް އަދި ކަސްޓަމުން ކާމިޔާބުކޮށްފިއެވެ.
ހޮނިހިރު ދުވަހު ފެނިގެން ދިޔަ ފުރަތަމަ މެޗަކީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން (އެމްއޯއެސްއެފްއާރް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް ސްޕޯޓްސް އެސޯސިއޭޝަން (އެމްއައިބީއެސްއޭ) ބައްދަލުކުރި މެޗެވެ. ވާދަވެރިކޮށް ދިޔަ މިމެޗު އެމްއޯއެސްއެފްއާރްއިން ކާމިޔާބުކޮށްފަވަނީ އެންމެ ދެ ޕޮއިންޓުގެ ފަރަގަކުން 16-14 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ ފާތިމަތު ސާރަތުއެވެ.
ދެވަނަ މެޗުގައި ހެލްތު ރެކްރިއޭޝަން ކުލަބާއި ވާދަކޮށް ބީއެމްއެލްއިންވަނީ ފަސޭހަ މޮޅެއްނަގާފައެވެ. މިމެޗު އެޓީމުން ގެންދިޔައީ 60-04 ގެ ބޮޑު ތަފާތަކުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދީ އެޓީމުގެ ޒީނާ އަހުމަދުއެވެ.
އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި ހޮނިހިރުދުވަހު ކުޅުނު ފަހު މެޗުގައި ވާދަކުރީ ހޯމް ޓީމާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ. މިމެޗު މާބޮޑު ދަތިކަމެއްނެތި 23-10 އިން ކާމިޔާބުކުރީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ އާއިޝަތު ރަނާ ނަސީރުއެވެ.
އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތުގައި 21 އަންހެންޓީމާއި 4 ފިރިހެން ޓީމު އަންނަނީ ވާދަކުރަމުންނެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ. އަދި 16 އާއި 17 ވަނަ ދުވަހު ކުއާޓާ މެޗުތައް ކުޅުމަށްފަހު ސެމީ ފައިނަލް މެޗުތައް ތާވަލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ. އަދި މިމުބާރާތުގެ ފައިނަލު މެޗު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.
އިންޓަ އޮފީސް ނެޓްބޯޅަ މުބާރާތް ކުރިއަށްދާނީ މިމަހުގެ 1 އިން 20 ގެ ނިޔަލަށް އައުޓްޑޯ ނެޓްބޯޅަ ކޯޓުގައެވެ.