ޔޫތު ހެކަތޯން 2025 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ހަރަކާތަކީ، ކޯޑިން ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް ޚާއްސަ ކޮށްގެން ބާއްވާ ހަރަކާތެކެވެ.
3 ދުވަހަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 85 ޒުވާނަކު ބައިވެރިވިއެވެ.
މި ހަރަކާތުގައި ޓީމްތަކުން ތަފާތު 4 ޓީމެޓިކް އޭރިއާއަކަށް ޕިޗް ނުވަތަ ހުށައެޅުންތައް ހުށައަޅާފައިވެއެވެ.
މި ހެކަތޯން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޓީމްތަކަށް ވަނީ ވަނަ ދީފައެވެ.
އެގޮތުން 1 ވަނައަށް ހޮވުނު ޓީމަށް 1 ލައްކަ ރުފިޔާ، 2 ވަނައަށް ހޮވުނު ޓީމަށް 75،000 ރުފިޔާ އަދި 3 ވަނައަށް ހޮވުނު ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން، ސްޕޮންސަރގެ ފަރާތުން ހަދިޔާކުރާ އިނާމްތައް ދީފައިވެއެވެ.
1 ވަނަ: ޓީމް ސީ ސްޓޭކް
2 ވަނަ: ޓީމް ވޭވް މައިންޑްސް
3 ވަނަ: ޓީމް ސިކްސް ސެވެން
މި ހެކަތޯންގެ ބޭނުމަކީ، އައިޓީގެ ދާއިރާއިން ކުރިއަރަމުން އަންނަ ޒުވާނުން ބައްދަލުވެ، އިތުރު މަގުތައް ހޯދައިދިނުން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު ވިދާޅުވެއެވެ.
އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ޤައުމަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލައި އީޖާދީ ގޮތެއްގައި ގެނެވިދާނެ ހައްލުތައް ހޯދޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މި ހެކަތޯން ދިޔައީ، ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.
ބައިވެރިންގެ ހުށައެޅުންތަކުން ޓެކްނޮލޮޖީގެ އެހީގައި މުޖުތަމައުގައި މިވަގުތު ހުރި މައްސަލަތައް ހައްލު ހޯދުމަށާއި މުޖުތަމައުއަށް ފައިދާ ކުރަނިވި އައު އުފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.