ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން 4.5 ބިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމަވާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ 45ވަނަ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަަށް ކުރިމަތިވެފައިވާ ދަތިތަކަށް ދާޢިމީ ހައްލެއް ހޯދައިދެއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ދިމާވެފައިވާ ބޮޑެތި ބައެއް މައްސަލަތަކަށް މިހާރުވެސް ހައްލު ހޯއްދަވާދެއްވާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ސަރުކާރުގެ އެންމެ ބޮޑު އެއް ވަޢުދުކަމުގައިވާ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން. އެގޮތުން އެދުވަހުން ފެށިގެން މިއަދާ ހަމައަށް މަސްވެރިންނަށް މިވަނީ މުޅި ޖުމްލަ 900 މިލިޔަން ރުފިޔާ ދޫކޮށްފަ. އަދި މުޅި މި 2 އަހަރުގެ ތެރޭގައި މަސްވެރިންނަށް މިވަނީ މުޅި ޖުމްލަ 1.7 ބިލިޔަން ރުފިޔާ ދޫކޮށްފަ. މިއާއެކު މަސްވެރިކަމަށް އާރޯކަމެއް މިވަނީ ލިބިގެންގޮސްފަ." މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މަސްވެެރިކަމަށް ދިމާވެފައިވާ މައްސަލަތަަކަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ސަރުކާރުން 4.5 ބިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން މިހާރުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ބޮޑު ކަންނެލި މަސްވެރިން ރައީސްގެ އަރިހުން އެދިވަޑައިގެންނެވި ކަންކަމުގެ ތެރެއިން އެއްކަމަކީ ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހެދުން ކަމަށާއި، މި ވަޢުދު މިހާރު ފުއްދަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ބޮޑު ކަންނެލި މަސްވެރިންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރާ ފެސިލިޓީގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދުނިޔޭގައި އެންމެ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަނީ ރާއްޖޭގައި ކަމަށާއި، ދުނިޔޭގެ ދޮށީގެ މަސްވެރިކަމުގެ އެކްސްޕޯޓު މާކެޓުގައި ރާއްޖެއިން 50 އިންސައްތަ ހިއްސާކުރާކަމަށެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި މަހަށް އަގު ކަނޑައެޅުމުގެ ބާރު ރާއްޖެއަށް ލިބެންޖެހޭކަމަށް ގަބޫލުފުޅުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވޭނީ މަސް ރައްކާކުރެވޭ ކެޕޭސިޓީ ބޮޑުކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސް ރައްކާކުރެވޭ ކެޕޭސިޓީ މިހާރު 9،500 ޓަނުގައި ހުރި ނަމަވެސް، މި ސަރުކާރުން މި އަދަދު 25،000 ޓަނަށް އިތުރުކުރުމަށް މަސައްކަތްކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އަމާޒު ހާސިލްވެގެންދިއުމާއެކު މަހުގެ ބާޒާރުގެ އަގު ކަނޑައެޅުމުގެ ބާރު ރާއްޖެއަށް ލިބިގެންދާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މަހުގެ އަގު އެއްކުރެވިގެން ބާނާ މަހަށްބޮޑު ފައިދާއެއް ލިބޭނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިފްކޯއިން ރާއްޖޭގައި ބާނާ 60 އިންސައްތަ މަސް ގަންނައިރު، މީގެ ތެރެއިން 80 އިންސައްތަ ރޯކޮށް އެކްސްޕޯޓްކުރާ ކަމަށާއި، ބާކީ ބައި ދަޅުގައި ބަންދުކޮށްގެން އެކްސްޕޯޓުކުރަމުންދާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން މަސައްކަތްކުރަމުންދަނީ މަސް ބަންދުކުރުމުގެ ކެޕޭސިޓީ ތިން ގުނަ އިތުރުކުރުމަށްކަމަށާއި އެކަމުގެ ސަބަބުން އެކްސްޕޯޓު އާމްދަނީ 190 މިލިޔަން ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސިނާއަތް ސިންދަފާތުކުރުމަށް މަސައްކަތްކުރަމުންދާ ކަމަަށާއި އެގޮތުން އައު އުފެއްދުންތައް ނެރުމަށް 128 މިލިޔަން ރުފިޔާގެ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ ތެރެއިން 40 އިންސައްތައި އެހީ ހިލޭ ލިބޭނެކަމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް 27.7 މިލިޔަން ރުފިޔާގެ ލޯނުވެސް ދޫކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މެރިކަލްޗަރ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޒޯންތަކެއް އެކުލަވާލައި އިންވެސްޓަރުންނަށް ހުޅުވާލެވިފައިވާ ކަމަށާއި، މެރިކަލްޗަރ ކޯސްތައްވެސް ކުރިއަށްގެންދާކަމަށެވެ. މީގެ އިތުރުން، އައިސް ނުލިބުމުގެ މައްސަލަ ހައްލުކުރުމަށް ރާއްޖޭގެ ހުރިހާ ދޯންޏެއްގައި އާރްއެސްޑަބްލިއު (RSW) ސިސްޓަމްތައް ޤާއިމްކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ދޯނިތަކުގައި އެން ގެންގުޅެވޭނެ ނިޒާމު ތިން ދޯނިގައި މިހާރު ޓެސްޓުކޮށްފައިވާ ކަމަށާއި، މަސްވެރިކަމަށް އައު ޖީލެއްގެ އުޅަނދުތައް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.